މީހުން ދިރިއުޅުމަށް ހުޅުމާލޭގައި ދޫކޮށްފައިވާ ރެސިޑެންޝަލް ފުލެޓްތަކާއި ހުސްބިމުގެ ތެރެއިން ކުލި ނުދައްކައިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ކޯޓުން ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމައިފި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު 'ސަން' އަށް ވިދާޅުވީ، ހުޅުމާލޭ ބިންބިމާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކުލި ނުދައްކައިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނިންމާފައިވާ ކަމަށާއި ނަމަވެސް މައްސަލަތައް ނެގޭނީ އަންނަ ހަފްތާގައި ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ، ކުލި ނުދެއްކި ހުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަނީ ކޯޓުން މައްސަލަތައް ނަގަން ނިންމާފައި. ނަމަވެސް މައްސަލަތައް ނެގެން އަންނަނީ އަންނަ ހަފްތާގެ ތެރޭގައި،" ސައިމަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނުލިބި ހުރި ކުލިތަކާއި އެފަދަ ތަންތަނަށް ކުލި ނެގުމަށް ގެންގުޅޭ އުސޫލަށް ބަދަލެގެނައުމުގެ މަސައްކަތްވެސް އެޗްޑީސީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދެވަނަ ފުރުސަތުދޭ ބިންތަކުގެ ތެރޭގައި އެކި ވިޔަފާރިތަކަށް ދޫކުރެވުފައިވާ ބިންތައް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.