ޑީއާރްޕީގެ އެތެރެއިން ހުރަސްތަކެއް ކުރިމަތި ކުރިޔަސް ޖެހިލުމެއްނެތި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކަންކަމާ ކުރިމަތިލައްވައި، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީއަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމަށް ރޭ މާލެ އަތޮޅު ހުރާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ޑީއާރްޕީގެ ލީޑާޝިޕާ ހަވާލުވި ދުވަހު ވިދާޅުވި ފަދައިން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި އަދިވެސް ދެމިހުންނެވި ކަމަށެވެ.
"އަޅުގަނޑު މި މަގާމާ ހަވާލުވި ދުވަހު ވެސް ދަންނަވާފައި ވާނީ މި މަގާމުގައި އަޅުގަނޑު ދެމިހުންނާނަމޭ. އަޅުގަނޑު ދަންނަވާނީ އެ ރޭ (ޑީއާރްޕީ ކޮންކްރެސްގައި) ދެންނެވި ގޮތަށް މިއަދުވެސް ސާބިތުކަމާއެކު ދެމިހުރީމޭ،" ތަސްމީން ވިދާޅުވި އެވެ.
~
މިދިޔަ އަހަރު ބޭއްވި ޑީއާރްޕީ ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވައި ތަސްމީން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރުންނާއި ޑީއާރުޕީގެ އެތެރެއިން ހުރަސްތަކެއް ކުރިމަތި ކުރިޔަސް އެކަމާ ޖެހުލުމެއްނެތި ކުރިމަތިލައްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް އިންތިހާބު (ރިޔާސީ އިންތިހާބު) ކާމިޔާބުކުރުމުގައި ވެސް މިއަދުގެ ސަރުކާރުން ވިޔަސް އަދި އެމްޑީޕީގެ ފަރާތުން ކަމުގައި ވިޔަސް، އަދި އަޅުގަނޑުމެންގެ ޕާޓީގެ އެތެރެއިން ކަމުގައި ވިޔަސް، ކުރިމަތިލާންޖެހުނު ކޮންމެ ހުރަހަކާ ކުރިމަތިލާ، އެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި އަޅުގަނޑު އެއްވެސް ޖެހިލުމެއްނެތި (މަސައްކަތް) ކުރާނެ ކަމުގެ ޔަގީންކަން ޑީއާރްޕީގެ މެންބަރުންނަށް ކަށަވަރުކޮށް އަރުވަން."

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުގައި އެއްބާރުލުން ދިނުމަށް ޑީއާރްޕީ އާއި ގައުމީ ޕާޓީ އިންތިހާދުވުމަށް ޑީއާރުޕީގެ ކައުންސިލުން ނިންމުމާ ގުޅިގެން ތަސްމީން ވިދާޅުވީ ކައުންސިލްގެ އެ ނިންމުމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު ބާރެއް ޑީއާރްޕީއަށް ލިބިފައިވާ ކަމަށެވެ.

ޑީއާރްޕީއާ ގައުމީ ޕާޓީއާ ދެމެދު އިންތިހާދުވުމަށް އެ ދެ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުންވަނީ ކައުންސިލްގެ ނިންމުމާމެދު ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން އެ ނިންމުމަކީ ޑީއާރްޕީގެ ކައުންސިލްގެ ތަފާތު ފިކުރުގެ މެންބަރުންގެ ހިޔާލާ ނުލައި ނިންމަވާފައިވާ ނިންމެއް ކަމަށް އެ ކައުންސިލްގެ މެންބަރު އަދި މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ކައުންސިލްގެ މެންބަރު އަދި ކާމިޔާބު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ ގައުމީ ޕާޓީއާއެކު އިއްތިހާދުވުމަކީ މިފަދަ ދަނޑިވަޅެއްގައި ސުވާލުއުފެދޭ ކަމެއް ކަމަށެވެ.