މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާ އިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާގެ ނިސްބަތް 13.57 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާއަކީ 121.95 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ ކުއާޓަރުގެ ފައިދާ، 140.19 މިލިއަން ރުފިޔާ އަށް ވުރެ 19 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެ ބޭންކްގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާ ދަށްވީ އޮޕަރޭޓިން ޕްރޮފިޓް ދަށްވެގެނެއް ނޫނެވެ. އޮޕަރޭޓިން ޕްރޮފިޓް ވަނީ ކުރީ ކުއާޓަރަށް ވުރެ 178 މިލިއަން ރުފިޔާ ނޫނީ 69 ޕަސެންޓް އިތުރުވެފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކުން ވަނީ ނުލިބިދާނެ ކަމަށް ނޫނީ ބޭޑް ޑެޓްސްގެ ގޮތުގައި 183 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އެ އަދަދު އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބަލާފައި ވަނީ 48 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 651 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ވެސް ތިން ވަނަ ކުއާޓަރަށް ވުރެ 231 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ތިން ވަނަ ކުއާޓަރުގައި އާމްދަނީ އަކީ 420 މިލިއަން ރުފިޔާ އެވެ.

އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކުގެ ހިއްސާ އަކަށް ޖެހިފައި ވަނީ 78.22 ރުފިޔާ އެވެ. ތިން ވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 104.20 ރުފިޔާ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ހަތަރު ވަނަ ކުއާޓަރުގައި ބޮޑު ޕްރޮވިޝަނެއް ހެދީ ރިސްކް ކުޑަކުރުމަށް ކަމަށެވެ. އަދި ބޭންކްގެ ލޯން ޓްރެންޑް ހުރީ ވެސް ރަނގަޅު މިސްރާބުގައި ކަމަށާއި އަހަރުގެ ފަހު ކުއާޓަރުގައި ޕާފޯމް ނުކުރާ ލޯނެއް ވެސް ނެތް ކަމަށެވެ. އަދި ބުނީ އޮޕަރޭޓިން ޕްރޮފިޓް ހަތަރު ވަނަ ކުއާޓަރުގައި 74 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ފަހު ކުއާޓަރުގެ ހިސާބުތަކަކީ އަދި އޮޑިޓް ނުކުރާ ހިސާބުތަަކެއް ކަމަށެވެ.