05 Feb 2015, 16:23
ޑާކާ (ފެބްރުއަރީ 5) : ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ އިދިކޮޅު ލީޑަރު ބޭގަމް ޚާލިދާ ޒިޔާގެ މައްޗަށް ސަރުކާރުން ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
މިދައްވާގައި ފުލުހުން ބުނެފައި ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި އެގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި ބޮމެއް ގޮއްވާލި ޙާދިސާއާ އެކަމަނާއާ ގުޅުންވާކަން ތަހްގީގްތަކުން ހާމަވާކަމުގަ އެވެ. އުމުރުން 69 އަހަރުގެ ބޭގަމް ޚާލިދާ ޒިޔާއަކީ ދެފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ އަދި އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީގެ ލީޑަރެވެ. ޚާލިދާއާ ގުޅުންވާކަމަށް ފުލުހުން ބުނާ ހާދިސާގައި 7 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ.
ބޮމުގެ އެޙަމަލާއާގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޚާލިދާ ޒިޔާގެ ނެޝަނަލް ޕާޓީއަށް ސަޕޯޓްކުރާ ބައެކެވެ. ބަންގްލަދޭޝްގައި މިދިޔަ އަހަރުގެ ބޭއްވި އާންމު އިންތިޚާބު ޝައިޚް ހަސީނާގެ އަވާމީ ލިގްޕާޓީ ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން އެ އިންތިޚާބު ބޮއިކަޓް ކުރުމާގުޅިގެން އެއްވެސް ވާދަވެރިކަމެއްނެތިއެވެ. އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކަޓްކޮށްފައިވާ ޙާލަތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ބުނެ ޚާލިދާ ވަނީ އެއިންތިޚާބުގެ ސައްޙަކަން ގަބޫލުކުރުމަށް ދެކޮޅު ހައްދަވާފަ އެވެ. މިއާއެކު ޝެއިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޅި ގައުމުގައި މުޒާހަރާކޮށް ސަރުކާރު ވައްޓާލުމަށް ޚާލިދާ ގޮވާލެއްވުމުން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އެކަމަނާ ގޭގައި ބަންދުކޮށްފަ އެވެ.
ޚާލިދާގެ ގޮވާލެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ ޝެއިޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާތައް ކުރަމުންގެންދާތާ ދޮޅުމަހެއްހާ ދުވަސްވެފައިވާ އިރު ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މުޒާހަރާތަކުގައި އިސްކޮށް އުޅެމުންދަނީ ޚާލިދާ އަށް ތާއީދުކުރާ އިދިކޮޅު އެކްޓިވިސްޓުންނެވެ. މިމުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 58 މީހުން މަރުވެފައިވާ އިރު އެމީހުންގެ މަރުގެ ޒިންމާ އިދިކޮޅު ހުރިހާ ލީޑަރުން ވެސް އަޅުވަނީ ޙަސީނާގެ ސަރުކާރުގެ ބޮލުގަ އެވެ.
ފުލުހުންވަނީ ޚާލިދާގެ ޕާޓީއަށް ނިސްބަތްވާ އިދިކޮޅު އެތަށް އެކްޓިވިސްޓުންނެއް ހައްޔަރު ވެސް ކޮށްފަ އެވެ. ޚާލިދާއާ ދެކޮޅަށް ސަރުކާރުން ދައުވާ އުފުލުމުން ބަންގްލަދޭޝްގައި ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެންދާނެކަމަށް ވަނީ ބެލެވިފަ އެވެ. (ރޮއިޓާސް)