05 Feb 2015, 16:03
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ވޯލްޑް ރޯވިން ފެޑަރޭޝަންގެ އިތުރުން އައްޑޫ ކައުންސިލް ގުޅިގެން އިންތިޒާމް ކުރާ ރޯވިން، ނުވަތަ ފަލިޖެހުމުގެ ޓުއާ އެއް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅު ތަކުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
ރޯވިން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި އެ ޓުއާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށެވެ. އަދި ލ. ގަމުން ފަށާ އެ ޓުއާ ފުވައްމުލަކުގެ އިތުރުން ހުވަދޫ އަތޮޅުގެ ނުވަ ރަށެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވާކަމަށާއި، އެ ޓުއާ ނިންމަން ހަމަޖެހިފައި ވަނީ ގދ. ތިނަދޫއަށް ކަމަށްވެސް ރޮވިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ރޮވިން އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވާ އެތުލީޓުންގެ އިތުރުން، އެ ޓުއާގައި ބައިނަލްއަގްވާމީ 19 އެތުލީޓުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ތެރޭގައި ބޮޑެތި މުބާރާތްތަކުގައި ދުނިޔޭގެ އެކި ގައުމުތައް ތަމްސީލުކުރާ އެތުލީޓުން ބައިވެރި ވުމަށް ހަމަޖެހިފައި ވާކަމަށާއި، އެ އެތުލީޓުން މާދަމާ އައްޑޫއަށް ދާނެ ކަމަށްވެސް ރޮވިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އެ ޓުއަރއާ ބެހޭގޮތުން ރޮވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ، އެ ޓުއާގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ފަތުރުވެރިކަމަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށާއި، އެ ޓުއާގެ ސަބަބުން އައްޑޫ އަތޮޅަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.
ރޯވިން ނުވަތަ ފަލިޖެހުމުގެ ކުޅިވަރުގެ ހަރަކާތްތައް އައްޑޫގައި ފަށާފައި ވަނީ 2011 ވަނަ އަހަރު އައްޑޫގައި ސާކް ސަމިޓު ބޭއްވި ދުވަސްވަރު އެވެ.