މެގަ މޯލްޑިވްސްގެ ޕަސެންޖަރު ސޭލްސް އެޖެންޓް (ޕީއެސްއޭ) އަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މިއަދު ހަމަޖެއްސުމުން އުމްރާއަށް ދިއުމަށް ބޭނުންވާ ވިސާގެ ކަންތައް ރާއްޖޭގައި ތިބެގެން ހަމަޖެއްސުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މެގަ މޯލްޑިވްސްގެ ޕީއެސްއޭ އަކަށް ހައްޖު ކޯޕަރޭޝަން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ދެ ކުންފުނިން ސޮއިކޮށްފައިވަނީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް 'ސަން' އަށް ވިދާޅުވީ މެގަ މޯލްޑިވްސްގެ ޕީއެސްއޭ އަކަށް އެ ކޯޕަރޭޝަން ހަމަޖެއްސުމުން ރާއްޖޭގައި ތިބެގެން އުމްރާއަށް ދިއުމަށް ބޭނުންވާ ވިސާ ހޯދުމަށް މަގުފަހިވެެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތަށް ވަގުތަކާއި ފައިސާއެއް ސަލާމަތްކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުނގަޑުމެން އުމުރާ އަށް ގޮސް ލަންކާއިން ވިސާ ޖަހަންމިޖެހެނީ. އެގޮތުން ލަންކާގެ ކުންފުނިތަކުގައި ބައެއް ފަހަރު އާާދޭސްކޮށް ވަރަށް އަގުބޮޑުކޮށް ވިސާ ޖަހައިދެނީ. ބައެއް ފަހަރު ނުލިބި ވެސް އެބަހުރި،" ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ގަވާއިދުގައި ބުނާ ގޮތުން، އުމްރާ އަށް ވިސާ ދޫކުރެވޭނީ ދުނިޔޭގެ އެންމެ ބޮޑު ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އަޔާޓާ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ޓްރެވަލް އެޖެންސީ ހިންގާ ކުންފުންޏަކަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ރާއްޖޭގައި ތިބެގެން ވިސާ ހަމަޖައްސައިދޭން ފެށުމުން އުމްރާއަށް ގެންދާ އަގު ވެސް ހެޔޮ ވެގެންދާނެ ކަމަށެވެ.