05 Feb 2015, 15:05
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން މިއަދު އެމަނިކުފާނަށް އަންގައިފި އެވެ.
ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ޝަރީއަތް ހިންގަން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗަށް އުނިއިތުރެއް ނުގެނައުމުގެ އަމުރެއް ނެރެދިނުމަށާއި އެ ޝަރީއަތް ހިންގަން އާ ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިނުލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
ހައިކޯޓުން މިއަދު ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ އެމަނިކުފާނު އެދިވަޑައިގަތް ގޮތަށް އަމުރެއް ނެރެންޖެހޭ ސަބަބެއް މިވަގުތު އޮތް ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހުޅުމާލޭ ކޯޓުގެ މައްޗަށް ހައިކޯޓުން ވަނީ މީގެކުރިން އަމުރެއް ނެރެފައެވެ. އެ އަމުރު ނެރެފައި ވަނީ ރައީސް ނަޝީދު އެފަދަ އަމުރަކަށް އެދިވަޑައިގަތުމުންނެވެ.