05 Feb 2015, 14:06
ފިރިމީހާ މަރުވެ ހާލުގައިޖެހުމުން ދިވެހި ދައުލަތުގެ ބެލުމުގެ ދަށަށްގެނައި ހާއްސަ އެހީއަށް ބޭނުންވެފައިވާ އިންޑިއާގެ އަންހެން މީހާ އާ ހަވާލުވާން ތައްޔާރު ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ދިވެއްސަކާ އިނދެގެން އުޅުނު އަދި މިހާރު އުނަގަނޑުން ތިރި ވާގިނެތިފައިވާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ނަބީސާ ބީވީ ހާލުގައި ޖެހުނީ އޭނާގެ ފިރިމީހާ މަރުވުމުން އޭނާއަށް އަޅާލާނެ މީހަކު ނެތުމުންނެވެ.
އެގޮތުން އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް މިދިޔަ ޑިސެމްބަރު މަހު ގެނެސް ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދިޔައީ ހާލުގައިޖެހި ކޮޓަރި ތެރޭގައި ދެ މަސް ދުވަސް ވަންދެން އޮތްފަހުންނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ނިއު އިންޑިއަން އެކްސްޕްރެސްގައި މިއަދު ބުނެފައިވަނީ، ރާއްޖެއިން އެ އަންހެން މީހާ ދޫކުރާނަމަ އޭނާއާ ހަވާލުވާން އިންޑިއާ ތައްޔާރަށް އޮތް ކަމަށް ބުނެ، އެގައުމުގެ ސޯޝަލް ޖަސްޓިސް މިނިސްޓަރު އެމްކޭ މުނީރު، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭ އަށް ރަސްމީ ސިޓީއެއް ފޮނުއްވާފައިވާ ކަަމަށެވެ.
އެ ސިޓީގެ ކޮޕީއެއް އިންޑިއާގެ ހާރިޖީ ވަޒީރުު ސުޝްމާ ސްވަރާޖަށާއި ނަން ރެސިޑެންޓް ކެރަލިޓީސް އެފެއާސް ޑިޕާޓްމަންޓް (ނޯކާ) އަށް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ އިންޑިއަން ހައި ކޮމިޝަނުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެމީހާ އިންޑިއާއަށް ގެންދިއުމާ ގުޅުންހުރި ސިޓީއެއް އިއްޔެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަވަސް މުސްތަގްބަލެއްގައި އޭނާ އިންޑިއާއަށް ގެންދެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އިނގިފައިވާ ގޮތުގައި، ހދ. ކުޅުދުއްފުށީ ފިރިހެނަކާ އިނދެގެން އުޅުނު ނަބީސާ ބީވީ ރާއްޖެ އައިސްފައިވަނީ މީގެ 23 އަހަރު ކުރިންނެވެ. އެ ކައިވެންޏަށް ތިން ދަރިން ލިބުނު ނަމަވެސް ތިން ދަރިން ވެސް ވަނީ ނިޔާވެފަ އެވެ. ނަބީސާގެ އުނަގަނޑުން ތިރި ޕެރެލައިޒްވީ، މީގެ 20 އަހަރު ކުރިން ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ.
ފިރިމީހާގެ އެހީއާއެކު ދިރިއުޅުނު އަންހެން މީހާ ފަހުން ހާލުގައި ޖެހުނީ ފުއްޕާމެޔަށް ޖެހުނު ބައްޔެއްގައި އޭނާގެ ފިރިމީހާ މީގެ ހަތަރު މަސް ކުރިން ނިޔާވުމާއި ގުޅިގެންނެވެ.