11 Feb 2011, 03:29
ޤާހިރާ : މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގެ އިޚްތިސާސްތައް ނައިބު ރައީސް ޢުމަރު ސުލައިމާނާ ޙަވާކުކުރައްވައިފިއެވެ. މިކަން މުބާރަކް ހާމަކުރެއްވީ މިރޭ ދެއްވި ޚީތާބެއްގައެވެ. މުބާރަކް ވިދާޅުވީ މިސްރުގެ ދަސްތޫރު ބުނާގޮތުން މިސްރުގެ ރައީސުލްޖުމްރިއްޔާ ވެރިކަމުގައި ހުންނެވި ނަމަވެސް ރައީސް ބޭނުންވެއްޖެ ހިނދެއްގައި ވެރިކަމުގެ ބާރުތަކާއި ރިޔާސަތުގެ އިޚްތިސާސްތައް ނައިބު ރައީސާ ޙަވާލު ކުރެވިދާނެ ކަމުގައެވެ.
މުބާރަކް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޚަބަރުތައް ފެތުރުނުނަމަވެސް އިސްތިއުފާދެއްވާނެ ކަމުގެ އެއްވެސް އިޝާރާތެއް އޭނާ ނުދެއްވައެވެ. މުބާރަކްގެ ޚިބާތަށްފަހު ރައްޔިތުން ރުޅިގަދަވެ މިސްރުގެ ރަސްމީ ޓީވީއާއި ރޭޑިޔޯ ގެ ޢިމާރާތާ ދިމާއަށް އެތަށްހާސް ބަޔަކު މިހާރު މިސްރާބު ޖަހާފައިވާ ކަމަށާއި ޚިތާބަށްފަހު ޤާހިރާ ވަރަށް ބޮޑަށް ހަލަބޮލިވެއްޖެ ކަމަށް ޚަބަރުތައް ބުނެއެވެ.
އަނެއްކޮޅުން ނައިބު ރައީސް ޢުމަރު ސުލައިމާނާ ވެރިކަމުގެ އިޚްތިސާސްތައް ޙަވާލުކުރުމަށް މުބާރަކް ނިންމެވި ނިންމެވުމާމެދު ސިފައިންގެ އިސްފަރާތްތައް ނުރުހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނައިބު ރައީސް ޢުމަރު ސުލައިމާން ވިދާޅުވީ ވެރިކަމުގެ އިޚްތިސާސްތައް އޭނާއާ ހަވާލު ކުރުމަށް މުބާރަކް ނިންމެވީ ސުލްޙަވެރިކަމާއެކު މިސްރުގެ ވެރިކަން ނަޤްލު ކުރުމުގެ ބޭނުމުގައި ކަމުގައެެވެ. -- އަލްޖަޒީރާ