05 Feb 2015, 13:56
ޅ. ނައިފަރު އަންހެނުން ތައްޔާރުކުރާ ކާބޯތަކެތި ގަނެ ވިއްކުމަށް މިފްކޯ އާއި ނައިފަރު އަންހެނުން ތަރައްގީކުރާ މަރުކަޒާ ދެމެދު އެއްބަސްވެއްޖެ އެވެ.
މިފްކޯގެ ކޯޕަރޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ މެނޭޖަރު އަހުމަދު ހާޝިމް 'ސަން' އަށް ވިދާޅުވީ، މިފްކޯގެ އިޖްތިމާއީ ޒިއްމާގެ ދަށުން ނައިފަރު ރައްޔަތުން އުފައްދާތަކެތި މާކެޓް ކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ސޮއިކުރެވުނު އެ އެއްބަސްވުމުގެ ދަށުން ނައިފަރު އަންހެނުން ތައްޔާރުކުރާ 31 ވައްތަރެއްގެ ކާބޯތަކެތި މިފްކޯ އިން ގަންނާނެ ކަމަށެވެ.
"އެއްބަސްވުމަކީ ހަ މަސް ދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެއް. ނައިފަރުގެ އަންހެނުން ތައްޔާރުކުރާ ދިވެހި އުފެއްދުންތައް މިފްކޯގެ ތިން ފިހާރައަކުން ލިބޭނެ،" މިމަހުގެ އެއްވަނަ ދުވަހު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހާޝިމް ވިދާޅުވި އެވެ.
އެގޮތުން އެ އުފެއްދުންތައް ގދ. ކޫއްޑޫގައި ހުންނަ ފިހާރައިންނާއި ޅ. ފެލިވަރު އަދި މާލެ އަތޮޅު ކަނޑުއޮށްގިރީގައި ހުންނަ ފިހާރައިގެ އިތުރުން މާލޭގައި ހުންނަ ދެ ފިހާރަ އިން ވެސް ލިބޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.
ހާޝިމް ވިދާޅުވީ، ހަ މަސް ދުވަހުގެ މުއްދަތަށް އެއްބަސްވުން ހެދި ނަމަވެސް، ތައްޔާރުކުރާ ތަކެތީގެ ފެންވަރަށް ބެލުމަށް ފަހު އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ. އަދި މިފްކޯގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި އެހެން ރަށްތަކުގެ އަންހެނުންގެ ކޮމެޓީތަކާ ގުޅިގެން ވެސް ދިވެހި އުފެއްދުންތަކަށް މާކެޓ ހޯދައިދިނުން ކަމަށް އޭނާ ވިދާޅުިވ އެވެ.