05 Feb 2015, 13:56
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލިވަޕޫލް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކޯޓީނިއޯ ކާމިޔާބުކުރި ލަނޑާއެކު، 2-1ގެ ނަތީޖާއަކުން ބޯލްޓަން ވޮންޑަރާސްގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ރޭގެ މެޗުގައި ކޯޓީނިއޯގެ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ އެންމެ ފުރަތަމަ މިނެޓުގައެވެ. މި ހަފްތާގެ ކުރީކޮޅު ލިވަޕޫލާއެކު ވެފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރި ކޮޓީނިއޯއަށް ލިބުނު ޕާހަކުން، ބޯލްޓަންގެ ޕެނަލަށްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދާގަނޑުގައި ޖެހުނީ ބޮލްޓަންގެ ޑިފެންޑަރެއްގެ ފައިގައި ޖެހުމަށް ފަހު އެވެ.
އެ މެޗުގައި ލިވަޕޫލާ ދެކޮޅަށް ހިތްވަރުގަދަ ފައިޓެއް ދެއްކި ބޯލްޓަން ވަނީ ލިވަޕޫލްގެ ކުރިން މެޗުގެ ލީޑުވެސް ނަގާފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ބޯލްޓަންގެ ކްލޯއަށް ލިވަޕޫލްގެ ސްކާޓެލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ ފުރަތަމަ ލަނޑު ބޯލްޓަން ވޮންޑަރާސްއަށް ކާމިޔާބު ކޮށްދިނީ ގުޑްޖޯންސަން އެވެ.
އެ ލަނޑާއެކު ބޯލްޓަން އިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް އެ ޓީމްގެ ނަސީބު ބަދަލުވެގެން ދިޔައީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ، ޓީމުގެ މިޑްފީލްޑަރު ނީލް ޑޭންސް ދަނޑުން ފޮނުވާލުމުން ނެވެ.
އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދިޔަ ނަމަވެސް މެޗުގެ ފަހު ފަސް މިނެޓާ ހަމައަށް ބޯލްޓަން ވަނީ އެ ޓީމަށް ލިބުނު ލީޑު ހިފައްޓާފައެވެ. ނަމަވެސް 86 ވަނަ މިނެޓުގައި ކޭން ނަގައިދިން ރީތި ބޯޅައަކުން ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމްގައި ފަހަކަށް އައިސް ވިދާލަމުން އަންނަ ރަހީމް ސްޓާލިންގް އެވެ.
މެޗުގައި ފެނިގެން ދިޔަ ތިން ލަނޑުވެސް ދެވަނަ ހާފްގައި ފެނިގެން ދިޔަ އިރު، މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކާ ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ ލިވަޕޫލް އެވެ. އަދި ރަނގަޅު ހަމަލާތަކެއް އުފެއްދުމުގެ އިތުރުން، 31 ވަނަ މިނެޓުގައި ސްޓާލިން ފޮނުވާލި ބާރު ޝޮޓެއް ބޯލްޓަންގެ ގޯލް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ.
ރޭގެ ނަތީޖާއާއެކު ލިވަޕޫލް މިހާރު މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފައި ވާއިރު، ފަސްވަނަ ބުރުގައި މިމަހުގެ 14 ވަނަ ދުވަހު އެ ޓީމް ނިކުންނާނީ އަމިއްލަ ދަނޑުގައި އެ މެޗު ކުޅޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.