ސިޔާސީވެގެން ޕްރޮކިއުޓާ ޖެނެރަލްގެ މަގާމަކު ނުހުރެވޭނެ ކަމަށާއި އެބޭފުޅާ ވާން ޖެހޭނީ ވަކިފަރާތަކަށް ނުޖެހޭ މުސްތަގިއްލު ބޭފުޅަކަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

ޖޭޕީ އާއި އަދި އެމްޑީޕީ ގުޅިގެން މިއަދު މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީނު އިބްރާހިމް ވިދާޅުވީ ޕޮރޮސެކިއުޓާ ޖެނެރަލް ވާން ޖެހޭނީ "އެއަށް ވުރެ އިންސާފަށް ލޯބި ކުރާ، އެއަށް ވުރެ ހަމަހަމަ ކަމަށް ލޯބިކުރާ ވަކި ފަރާތަކަށް ނުޖެހޭ މުސްތަގިއްލު ބޭފުޅަކަށް" ކަމަށެވެ.

"ވަކި މީހަކު ބުނީމާ ބުނާ ގޮތަކަށް އިންޒާރުދޭ މީހަކަށްވެގެންނެއް ރާއްޖޭގެ ހަމަޖެހުމާއި އިސްތިގުލާލު ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ" ކަމަށް ޖޭޕީގެ ނައިބު ލީޑަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް ސިފަވެގެން ދަނީ ވަކި މީހަކު ބުނީމާ އޭނާ ބޭނުންވާ ގޮތަށް "ރަނގަބީލު" ޖެހުމާއި ވަކި މީހަކު ބޭނުންވީމާ އޭނަ ބޭނުންވާ ގޮތަށް އިންޒާރުގެ މެސެޖު ދޭން ހުންނަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ޕީޖީ މިހާރު ހުންނެވީ މީހެއްގެ ނުފޫޒުގެ ދަށުގައި ވަރަށް ރަނގަޅަށް ތާށިވެފައިވާ ކަމަށް އަމީން ވަނީ ތުހުމަތުކުރައްވައިފަ އެވެ. އެހެން ނޫން ނަމަ ސިޔާސީ ގޮތުން މީހަކު އެއްޗެއްބުނާ ކޮންމެ ދަނޑިވަޅެއްގައި "މިހެން ހަދާނަން، އެހެން ހަދާނަން" ކަމަށް ނުބުނާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ނަމަވެސް އެ ވިދާޅުވާ "ވަކި މީހަކީ" ކޮބައިކަމެއް އަމީން ވިދާޅެއް ނުވެ އެވެ.

ގާސިމް އިބްރާހިމް ރޭ ވިދާޅުވެފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ގާނޫނީ ހަސިއްޔަތެއް ނެތް ކަމަށާއި އެ މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް މުޙްތާޒު މުޙްސިން (ޕީޖީ) ސަން އަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކާ މެދު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންފަ އެވެ.

ގާނޫނު އަސާސީއާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް، 22 ދުވަހާއި 22 ރޭ އެކަހެރިކޮށް ބަންދުކޮށް ބެހެއްޓި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ ދައުލަތުން ދައުވާ އުފުލައިފަ އެވެ. ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސަރުކާރުގެ މުވައްޒަފަކު އެ މީހަކަށް ގާނޫނުން ލިބިދީފައި ނުވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގަ އެވެ.

ނަމަވެސް ނަޝީދު ފަހުން ވިދާޅުވަމުން އަންނަނީ އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލައި ހައްޔަރު ކުރީ "ޑިފެންސް މިނިސްޓްރީ އިން ގޯސްކޮށް" ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓާއި ހައި ކޯޓާއި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި އދ. އާއި ބައިނަލްއަގުވާމީ ފަރާތްތަކުން އަބްދުﷲ ގާޒީ ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވަމުން ދިޔަ އިރު ނަޝީދު ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި "އަބްދުﷲ ގާޒީ އަށް ފަނޑިޔާރުގެ އާ 100 ފޫޓަށް" ވެސް ކައިރި ނުވެވޭނެ ކަމަށެވެ.