އެމްޓީސީސީ އިން މިދިޔަ ޖެނުއަރީ މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯޝަން"ގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

އެމްޓީސީސީ، ކަށަވަރު ޝޯރޫމްގައި ނަސީބުވެރިޔާ ހޮވުމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 100،000 ރުފިޔާގެ "ކަށަވަރު ގިފްޓް ވައުޗާ" ލިބިފައި ވަނީ ބުލޫ ލެގޫން އިންވެސްޓްމަންޓަށެވެ. އެ ވައުޗާއިން ކުރިއަށް އޮތް ހަ މަހުގެ ނިޔަލަށް ކަށަވަރު ޝޯރޫމް އިން 100،000 ރުފިޔާގެ އަދަދަކަށް ވިޔަފާރި ކުރެވޭނެ ކަމަށް އެމްޓީސީ އިން ބުނެފައިވެ އެވެ.

މިދިޔަ ޑިސެމްބަރު ގައި ފެށި "ކަށަވަރު ޕްރޮމޯޝަން" ގައި 5،000 ރުފިޔާ އަށް ވުރެ ގިނައިން އެ ޕްރޮމޯޝަނުން ވިޔަފާރި ކޮށްފައިވާ ކޮންމެ މީހަކަށް ބައިވެރި ވެފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ޗީޕް އެގްޒެކިއުޓިވް އޮފިސަ (ސީއީއޯ) އަބްދުލް ރައްޒާގް ހަލީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީގެ ހިދުމަތްތައް އާންމުންނަށް ގެންގޮސްދިނުން ކަމަށެވެ.

"މި ކުންފުނީގެ އެންމެ ބޮޑު މަގްސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އޮރިޖިނަލް މުދާ ފަސޭހަކަމާއެކު ލިބިގެންދާނެ ގޮތައް ވިޔަފާރި ބައްޓަން ކުރުން. އެގޮތުން އަޅުގަނޑުމެން އެމްޓީސީސީ އިން އާންމުންގެ ގާތައް ދިއުމަށް މަޝްރޫއު އެއް ފަށައިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެ ގޮތުން ކޮންމެ އަތޮޅެއްގައި އެ ކުންފުނީގެ ތަކެއްތި ވިއްކުމަށް އޭޕްރިލް މަހުން ފެށިގެން އޭޖެންޓުން ހަމަޖައްވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ނިމިގެންދިޔަ އެ ޕްރޮމޯޝަނަކީ އެމްޓީސީސީ އިން ބޭއްވި އެފަދަ ފުރަތަމަ ޕްރޮމޯޝަން ކަމަށާއި އެ ޕްރޮމޯޝަނަށް ގިނަ ކަސްޓަމަރުންގެ ތަރުހީބު ލިބިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.