05 Feb 2015, 12:10
ކުދި ގައުމުތަކަށް މަންފާ ކުރާ ގޮތަކަށް ކޮމަންވެލްތު އިސްލާހުކުރުމާ މެދު އެޖަމާއަތުން ރާއްޖެއާ އެކު މަޝްވަރާކޮށްފި އެވެ.
އެގޮތަށް މަޝްވަރާކުރެއްވީ ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ޕޮލިޓިކަލް ޑިވިޝަންގެ ވެރިޔާ އަމިތާވް ބަނާރްޖީ އަންގާރަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަރިހަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކުދި ގައުމުތަކަށް ހުރި ގޮންޖެހުންތަކާއި އެގައުމުތަކުގެ ބޭނުންތަކަށް ރިއާޔަތް ކޮށްގެން ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރާ ގޮތަށް ކޮމަންވެލްތު އިސްލާހުކުރާނެ ގޮތްތަކަކާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ޖަމިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާމަންކަން ރާއްޖެ އަށް ލިބިފައިވާތީ އެކަމަށް ބަނާރްޖީ މަރުހަބާ ވިދާޅުވި އެވެ.
ފަންނީ ދާއިރާ އިން ރާއްޖެއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށާއި އެޖަމާއަތް އިސްލާހު ކުރުމުގައި ރާއްޖެ އާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދުންޔާ އަށް ބަނާރްޖީ ދެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮމަންވެލްތަކީ ފަންނީ ދާއިރާއިން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިވަމުން އަންނަ ޖަމާއަތެކެވެ. އެގޮތުން ރާއްޖޭގައި އަންނަ އޭޕްރިލްމަހު އަމަލުކުރަން ފަށާ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުމާއި ބެހޭ ގޮތުން ފަނޑިޔާރުންނަށް ލަފާ ދިނުމަށް އެޖަމާއަތުން ވަނީ ދާދިފަހުން މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.