މިފަހަރުގެ ސީޒަނަށް ނިއުރޭޑިއެންޓުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޯވާޑުން ކަމަށްވާ ރަފައެލް އާއި ސަންތޯސްގެ އިތުރުން އިމްރާނުގެ ބަދަލުގައި އެ ޓީމަށް ގެނައި ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެއްކޯ އެ ޓީމުން ދޫކޮށްލައިފި އެވެ.

ނިއުއިން ބުނީ އެ ތިން ބިދޭސީ ކުޅުންތެރިން ދޫކޮށްލަން ނިންމީ އެ ކުޅުންތެރިންގެ ފަރާތުން މިދިޔަ ޕީޕަލްސް ކަޕްގައި އުންމީދު ކުރެވޭ ފެންވަރުގެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުންނެވެ. އޭގެ އިތުރުން އެ ކްލަބުން ބުނެފައި ވަނީ އެހާ އަވަހަށް އެ ތިން ކުޅުންތެރިން ދޫކޮށްލަން ނިންމީ ޓްރާންސްފާގެ މުއްދަތު އޮތުމުން ކަމަށާއި، ޓީމު އިތުރަށް ރަނގަޅު ކުރުމުގެ ފުރުސަތު އަދިވެސް އޮތުމުން ކަމަށެވެ.

އެ ކުޅުންތެރިންގެ އިތުރުން ނިއުއިން ވަނީ އިއްޔެ އެ ޓީމުގައި މި ސީޒަނަށް ކެޕްޓަންކަން ހަވާލުކުރި މުހައްމަދު އުމެއިރުވެސް ދޫކޮށްލާފައެވެ. ނިއުއިން ބުނީ އޭނާ ދޫކޮށްލީ ދެ ފަރާތުގެވެސް އެއްބަސްވުމާ އެކު ކަމަށާއި، އޭނާ ކްލަބަށް ކޮށްދިން ހިދުމަތަށް އޭނާއަށް ޝުކުރު އަދާކުރާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލަން ނިންމި ވަކި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތެއްގެ ގޮތުގައި އެފްއޭއެމުން ބޭވި ޕީޕަލްސް ކަޕް ނިއު ނިންމާލީ، ތާވަލްގެ އެންމެ ފުލުގައި އޮވެގެނެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ނިއު ބަލިވިއިރު، ތިންވަނަ މެޗުގައި މާޒިޔާއާ ވާދަކޮށް އެ ޓީމް ވަނީ މެޗު އެއްވަރު ކޮށްފައެވެ.

ޕީޕަލްސް ކަޕްގެ ތެރޭގައި ނިއުގެ މެނޭޖްމަންޓުން ވަނީ އެ މުބާރާތުގައި ނިއު ނެރެމުންދާ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި އެ ބަޔާނުގައި ނިއުއަކީ ކާމިޔާބު ކްލަބެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅަން ފަސް ނުޖެހޭނެ ކަމަށް ނިއުއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަމުން މި އަހަރުވެސް ނިއުގެ ކޯޗްކަމާއި ހަވާލުވި މިކާ ލޮންސްޓްރޮމް ވަނީ ނިއުގެ މެނޭޖްމަންޓަކީ ކުޅަދާނަ މެނޭޖްމަންޓެއްކަން ފާހަގަކޮށް، އެ ބަޔާނަށް ތާއީދު ކޮށްފައެވެ. އަދި އޭނާގެ މައްސޫލިއްޔަތަކީ ނިއުއަށް ކާމިޔާބު ހޯދުން ކަމަށާއި، އެކަމަށް އޭނާ ވަރަށް މަސައްކަތް ކުރާނެކަން ފާހަގަކޮށް، މިކާ ވަނީ ނިއުގައި އޭނާގެ މުސްތަގުބަލާ މެދު އެއްޗެއް ބުނަން ބޭނުން ނުވާކަމަށްވެސް ބުނެފައެވެ.

އޭގެ އިތުރުން ޕީޕަލްސް ކަޕްގައި ނިއުގެ ބައެއް ހުނަރުވެރި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ އަމަލުތަކާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަންވެސް އެ ކްލަބުގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.