05 Feb 2015, 11:42
އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗުގައި، 3-1 ގެ ނަތީޖާއަކުން ކޮންގޯ ޑީއާރް ބަލިކޮށް، އައިވަރީ ކޯސްޓް އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ކޮންގޯ މެޗު ފެށީ އަވަސް ކުޅުމަކާ އެކު އެވެ. އަދި މެޗުގެ އެންމެ ފުރަތަމަ ވަގުތުކޮޅު އެ ޓީމް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، މެޗުގައި ހަމަޖެހިލައިގެން ކުޅެމުން ދިޔަ އައިވަރީ ކޯސްޓު ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ލީޑު ހޯދަދިނީ ބީޕީއެލްގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޔާޔާ ޓޫރޭ އެވެ.
އޭގެ ތިން މިނެޓު ފަހުން ކޮންގޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އައިވަރީ ކޯސްޓުގެ ޕެނަލްޓީ އޭރިއާތެރެއިން އެ ޓީމްގެ ބެއިލީ އަތުގަ ބޯޅަ ޖެހުމުން، ކޮންގޯއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް މެޗުގެ ނަތިޖާ ހަމަހަމަ ކޮށްދިނީ އެމްބޮކަނީ އެވެ.
ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ހާފް ޓައިމްގެ ކުރިން އައިވަރީ ކޯސްޓް ވަނީ އަނެއްކާވެސް މެޗުގެ ކުރިހޯދައިފައެވެ. ކޮންގޯ އުފެއްދި ނުރައްތަރި ހަމަލާއަކަށްފަހު އެ ޓީމްގެ މިޑްފީލަޑަށް ހެދުނު މިސްޓޭކެއްގެ ބޭނުން ހިފައި، އައިވަރީ ކޯސްޓަށް ލީޑު އިތުރަށް ފުޅާކޮށްދިނީ އެ ޓީމްގެ ކުރީގެ އާސެނަލްގެ ފޯވާޑް ގަވީނިއޯ އެވެ.
މެޗުގެ ދެވަނަ ހާފްވެސް ދެ ޓީމުން ފެށީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން އައިވަރީ ކޯސްޓުގެ ޓޫރޭ މެޗުގެ 55 ވަނަ މިނެޓުގައި ހާފްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ކޮންގޯ ގޯލަށް ފޮނުވާލިއިރު، އެ ހަމަލާ ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ.
އައިވަރީ ކޮސްޓަށް މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްލެވުނީ 68 ވަނަ މިނެޓުގައެވެ. ނެގި ކޯނަރަކުން އޯރޭ ކޮންގޯގެ ގޯލަށް އަމާޒު ކޮށްލި ބޯޅަ ކޮންގޯ ކީޕަރު ދިފާއު ކުރި ނަމަވެސް، ރިބައުންޑްގެ ބެނުން ހިފައި، އައިވަރީ ކޯސްޓަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޑިފެންޑަރު ކެނޮން އެވެ.
އެ ލަނޑާއެކު އައިވަރީ ކޮސްޓު ކުޅެފައި ވަނީ ޑިފެންސަށް ބޮޑަށް އިސްކަން ދީގެނެވެ. އަދި ކޮންގޯ މެޗުގެ ލީޑު ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅުގައި އެ ޓީމަށް އައިވަރީ ކޯސްޓުގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތް ވަނީ ނުވެފައެވެ.
އެފްކޮންގައި މިހާރު އައިވަރީ ކޮސްޓު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، އެ ޓީމާ ދެކޮޅަށް ފައިނަލްގައި ވާދަކުރާ ޓީމެއް އިނގޭނީ މިއަދު ކުޅޭ މުބާރާތުގެ ދެވަނަ ސެމީ ނިމުމުންނެވެ. މިއަދު ކުޅޭ ސެމީގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ގާނާ އާއި އިކުއިޓޯރިއަލް ގިނީ އެވެ.