ނިމިގެން ދިޔަ ޕީޕްލްސް ކަޕްގައި މޮޅު ކުޅުމެއް ދައްކައި އެ މުބާރާތުގެ ރަނަރަޕްކަން ހޯދުމަށްފަހު ހއ. ދިއްދޫއަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރަމުންގެންދާ ދަތުރުގައި އެ ރަށުން އެ ކްލަބަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މާޒިޔާގެ ދިއްދޫ ޓުއާ ފެށުމުގެ ގޮތުން އިއްޔެ ވައިގެ މަގުން އެ ޓީމްގެ ކުޅުންތެރިންނާއި ކޯޗިންގް ސްޓާފުން ހަނިމާދޫއަށް ދަތުރު ކުރުމަށް ފަހު ދިއްދޫއަށް ގޮސްފައި ވާއިރު، އެ ރަށު ރައްޔިތުން ވަނީ އެ ޓީމަށް ސަގާފީ ހަރަކާތްތަކަކާއި އެކު ރަށު ރައްޔިތުން ނިކުމެ އެ ކްލަބުގެ މެންބަރުންނަށް މަރުހަބާ ކިޔާފައެވެ.

މާޒިޔާ ދިއްދޫ ޓުއާ އަކީ ހަތަރު ދުވަހުގެ ދަތުރެކެވެ. އެގޮތުން އެ ޓީމް ދިއްދޫގައި ދެ މެޗު ކުޅުމަށްފަހު، ކުޅުދުއްފުއްޓާއި ނޮޅިވަރަމުގައިވެސް މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، އެ ދަތުރުގެ ސަބަބުން ޓީމްގެ ކުޅުންތެރިންގެ ރޫހު ރަނގަޅުވެ، ޓީމްވޯކް ރަނގަޅު ވުމުގެ އިތުރުން މިމަހުގެ 17 ގައި އެ ޓީމް އޭއެފްސީ ކްޕަގެ ޕްލޭއޮފް މެޗަށް ތައްޔާރު ވުމަށް ވެގެން ދާނެ ބޮޑު އެހީއެއް ކަމަށް ވެސް އެ ޓީމްގެ ކޯޗް އަލީ ސުޒޭން ވަނި ބުނެފައެވެ.

މާޒިޔާއަށް ދިއްދޫ ރައްޔިތުން މަރުހަބާ ކިޔަނީ --- ފޮޓޯ/ މާޒިޔާ

އޭގެ އިތުރުން ސުޒޭން ވަނީ ދިއްދޫ ޓުއާގައި ޓީމަށް ކުޅުންތެރިންތަކެއް އިތުތުވުންވެސް އެކަށީގެން ވާކަން ހާމަކޮށްފައެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ސަރަހައްދަކަށް ދާއިރު، އަދި ގިނަ މެޗުތަކެއް ކުޅެވިގެން ދާއިރު، މާޒިޔާގެ ޖޫނިއާ ޓީމަށް ސެލެކްޓު ކުރެވޭ ފަދަ ކުޅުންތެރިންތަކެއް ފެނިގެން ދާނެ ކަމަށް ގަބޫލު ކުރެވޭ. އެއީ މި ދަތުރުގެ މައިގަނޑު އެއް މަގްސަދު. ޓީމަށް ގެންނަން މަޖުބޫރު ކަހަލަ ތިން ހަތަރު ކުޅުންތެރިއަކު ފެނިގެން ދާނެކަން ޔަގީން، އެކަހަލަ ކުޅުންތެރިންތަކެއް ފެނިގެން ދާނަމަ އެ މާޒިޔާ އޮތީ އެ ކުޅުންތެރިންނަށް ހުޅުވިފައި،" ޓީމްގެ ހެޑް ކޯޗް ސުޒޭން ބުނެފައި ވެއެވެ.

މާޒިޔާ ދިއްދޫއަށް ކުރާ ދަތުރަކީ ރައްޔިތުންގެ މަޖުލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ ސްޕޮންސާޝިޕްގެ ދަށުން އެ ޓީމް އެ ސަރަހައްދަށް ކުރާ ދަތުރެކެވެ.

އެގޮތުން މެންބަރު ލަތީފްގެ ދައުވަތަކަށް މާޒިޔާ މިހާރު ދިއްދޫއަށް ދަތުރު ކޮށްފައި ވާއިރު، މެންބަރު ލަތީފް ވަނީ ދިއްދުއަކީ ފުޓްބޯޅައަށް ލޯބިކުރާ ގިން ޒުވާނުންތަކެއް ތިބި ރަށެއްކަން ފާހަގަކޮށް، ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ޓީމްތައް ދިއްދޫއަށް ގެންދިޔުމަކީ އޭނާގެ ހުވަފެނެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ދިއްދޫއަށް ފުޓްބޯޅައިގެ ދާއިރާއިން ބޮޑެތި ފައިދާތަކެއް ކުރާނެކަން ވެސް ލަތީފު ފާހަގަކުރެއްވި އެވެ.

މާޒިޔާގެ ދިއްދޫ ޓުއާގައި އެ ޓީމް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ދިއްދޫ ދަނޑުގައި ބައްދަލުކުރާނީ ދިއްދޫ ޒުވާނުންގެ ޓީމަކާއެވެ. އެ މެޗު ފަށަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ގައެވެ.