މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކާ މެދު ހަގީގަތް އޮޅޭ ގޮތަށް ވާހަކަނުދެއްކުމަށް ޕްރޮސިކިއުޓާ ޖެނެރަލް މުޙްތާޒު މުޙްސިން އެދިވަޑައިގެންފި އެވެ.

ޕީޖީ ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ނިންމަމުންގެންދާ ނިންމުންތަކާ މެދު ހަގީގަތާ ހިލާފަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން އެފަދަ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ "ޒާތީ މައްސަލައެއް" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން "ސަން" އިން ދެއްނެވި ސުވާލެއްގެ ޖަވާބުގައި ޕީޖީ ވިދާޅުވީ، ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ އެފަދަ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނިމަށް ޓަކައި ކުރެވެންހުރި ކަންތައް ކުރާނަން،" ޕީޖީ މުހްތާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ގާނޫނީ ހަސިއްޔަތެއް ނެތް ކަމަށާއި އެ މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލާ ކަމަށެވެ.

"މިއީ އަޅުގަނޑު ގަބޫލުކުރާ ހަގީގަތް. ކޮބައިތޯ އިންސާފު. އިންސާފު ލިބުނީއެއް ނޫންތޯ. މިއަށްވުރެއް ބޮޑު އިންސާފެއް ވަކި އެބައޮތްތޯ. ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ. އެހެންވީމަ އަޅުގަނޑު ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލަން އެ މައްސަލަ އަވަހަށް އަނބުރާ ގެންނެވުމަށް. ތިއީ ހަމަ ޒާތީ މައްސަލައެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ރައީސް ނަޝިދުގެ މައްޗަށް ޝަރީއަތް ކުރުމުގެ ގާނޫނީ ހައިސިޔަތެއް އޮތްކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ގާނޫނު އަސާސީގައި އެބަބުނޭ އެއް ކަމަކަށް ދެ އަދަބެއް ނުދެވޭނޭ. އަޅުގަނޑު ޑިމާންޑުކުރެއްވި ގޮތަށް އޭނަ އެކަންތައް ކުރެއްވި، ކޮން ގޮތަކަށް؟ އަޅުގަނޑު ޑިމާންޑު ކުރީ، އިސްތިފާ ދިނުމަށް ފަހު ދާށޭ ނޫނިއްޔާ ގާނޫނު އަސާސީ އަށް ރުޖޫއަވާށޭ. އޭނަ [ރައީސް ނަޝީދު] އިސްތިއުފާ ދީފަ ދިޔައީ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި އެންމެންގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނީ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކޮށްފައިވާ ތަހުގީގުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އަދި އެ ދައުވާއަކީ ކުރީގެ ޕީޖީގެ ދައުރުގައި ކުރައްވާފައިވާ ދައުވާއެއް ކަމަށްވެސް ޕީޖީ މުހްތާޒު މުހްސިން ވިދާޅުވި އެވެ.