ޤާހިރާ : މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ މިރޭގެ ވަގުތެއްގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ފެތުރުނު ޚަބަރުތައް ތެދުނޫންކަން ދާދިދެންމެއަކު އޭނާ ދެއްވި ޚިތާބުން ހާމަވެއްޖެވެ.

މިސްރުގެ ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި ދާދި ދެންމެއަކު މުބާރަކް ދެއްވި ޚިތާބުގައި، އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިސްރުގެ ރައްޔިތުން އެދެމުންގެންދާ އެދުންތަކަށް އެއްވެސް ވަރަކަށް އިޖާބަދެއްވާފައެއް ނުވެއެވެ. އަދި ވެރިކަން ދޫކޮށްލައްވާނެ ކަމުގެ ކުޑަވެސް އިޝާރާތެއް ދެއްވާފައެއް ނުވެއެވެ.

މުބާރަކް ވިދާޅުވީ ރައްޔިތުން އެދޭ އެދުންތަކާއި ގޮވާލާ ގޮވާލުންތަކަކީ ޝަރުޢީ ގޮވާލުން ތަކެއް ކަމަށާ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކުގައި މަރުވި މީހުންނަކީ ޝަހީދުން ކަމުގައެވެ. އަދި ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ފިޔަވަޅުއަޅައި އެފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުން ރުއްސުމުގެ ރޫޙެއްގައި މުބާރަކް ވާހަކަ ދެއްކެވިއެވެ.

މުބާރަކްގެ ވާހަކަފުޅުގައި އޭނާގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލާ މިސްރުގެ ޒުވާނުންގެ ބޭނުންތަކަށް ބައްލަވާނެ ކަމަށް ވިދާޅުވިނަމަވެސް ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެ މިސްރު ރައްޔިތުންގެ އުތުރިއެރުމަކީ ބޭރުގެ ފަރާތްތަކުގެ ނުފޫޒާ ގުޅިފައިވާ ކަމެއްކަން ނުސީދާގޮތެއްގައި ދޭހަވާފަދަ ޢިބާރާތްތަކެއް ބޭނުން ކުރެއްވިއެވެ. އަދި މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުން ވެރިކަމާ ކުރިމަތިނުލައްވާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވައި މިއާއެއްގޮތަށް ޢަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން ފުރިހަމަ ދިމުޤްރާތީ ނިޒާމަކަށް މިސްރު ބަދަލުކުރުމަށްޓަކައި އޭނާގެ ވެރިކަމުގައި ދެންއޮތް ބާކީ ދުވަސްތަކުގެ ބޭނުން ފުރިހަމައަށް ކުރައްވައިގެން މިސްރުގެ ދަސްތޫރުގެ ވަރަށްގިނަ މާއްދާ ތަކަކަށް ބަދަލުގެނަސް އިސްލާޙް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުބާރަކްގެ ޚިތާބު 17 މނިޓަށް ދިގު ދެމިގެން ދިޔައެވެ. ނަމަވެސް ރައްޔިތުން އެދޭފަދައިން ވެރިކަން ދޫކޮށްލައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް އޭނާ ނުދެއްވައެވެ. ނަމަވެސް ރައްޔިތުން އެދޭ އެދުންތަކާއި ދިމުޤްރާތީ އިސްލާޙްތަކުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ޢުމަރު ސުލައިމާނާ ޙަވާލުކުރެއްވިކަން މުބާރަކް ހާމަކުރެއްވިއެވެ.

މުބާރަކްގެ ޚިތާބަށްފަހު ނައިބު ރައީސް ޢމަރު ސުލައިމާންވެސް ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި މުބާރަކް ދެއްކެވި ވާހަކަތައް އިތުރަށް ކަށަވަރުކޮށްދެއްވައި މުބާރަކް ވިދާޅުވި ކަންތައްތައް ޢަމަލީގޮތުން ކުރިޔަށް ގެންދިޔުމަށްޓަކައި ފަންނީ ކޮމިޓީ ތަކެއް އެކުލަވާލެވި ވަރަށް އަވަހަށް މަސައްކަތް ފެށެނެކަން ބަޔާން ކުރެއްވިއެވެ.

މުބާރަކްގެ ޚިތާބާބެހޭ ގޮތުން މިސްރުގެ އިދިކޮޅު ފަރާތްތަކާއި ސިޔާސީ މުޙައްލިލުން ވިދާޅުވީ މުބާރަކަށް ރައްޔިތުންގެ އިޙްސާސްތައް ކުޑަކޮށްެވެސް އެނގިވަޑައި ނުގަންނަވާ ކަމަށާ ނޫނީ އެނގިވަޑައިގަތަސް އެއަށް އިޖާބަދެއްވަން މުބާރަކް ހުންނެވީ ތައްޔާރަކަށް ނޫނެވެ. މުބާރަކް މިހާރު ހުންނެވީ މިސްރަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުގެ ހަރަކާތްތަކުން މުޅިން ބާކީވެ ޝަރްޢިއްޔަތު ގެއްލިފައިވާ ވަރަށް ނިކަމެތި ވެރިއެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން މުބާރަކްގެ ނިމުން ވަރަށް ހިތިވެގެން ހިނގައިދާނެ ކަމަށާ ރުޅިއައިސްފައިވާ ރައްޔިތުން ދެން ކަންތައްތައް ގެންދާނެ ގޮތެއް ހީކުރަންވެސް ނޭންގޭ ކަމުގައެވެ.

މުބާރަކްގެ ޚިތާބަށްފަހު ރައްޔިތުންވަނީ އިތުރަށް ރުޅިއައިސް ހަލަބޮލިވެފައި ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ. މާދަމާ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި ބާރަވަރަކަށް މިލިޔަން މީހުން ހުކުރު ނަމާދަށްފަހު މަގުތަކަށާއި މައިދާންތަކަށް ނެރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި މާދާމާގެ މުޒާހަރާތައް ނުރައްކާވެ މުބާރަކްގެ ގަނޑުވަރުތަކާ ދިމާއަށް ރައްޔިތުންގޮސް އެތަންތަނަށް އަރައިގަނެ ޙިސާރުކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް