ޒަހަމުތަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫގައި ފެނުނު މުޙައްމަދު އިބުތިޙާލުގެ މަރުގެ މައްސަލާގައި ސަރުކާރުގެ ހަތަރު މުއައްސަސާ އިން ވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައުލޫމާތުތައް އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އިން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ނޫސްވެރިން ނުވައްދައި ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ކޮމިޓީ ނިންމާލެއްވުމަށް ފަހު ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮމިޓީ ބައްދަލުވުމުގައި މިއަދު ނިންމެވި ގޮތަކީ ސަރުކާރުން ހުށަހަޅާފައިވާ މައުލޫމާތުތައް އިތުރަށް ދިރާސާ ކުރުމަށް ފަހު ކޮމިޓީގެ ބައްދަލުވުންތައް ބާއްވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވާނެ ދެއްތޯ ވަގުތު އެކަންތައްތައް ދިރާސާ ކުރަން. އެއީ މިއަދު ނިންމި ގޮތަކީ،" މުހައްމަދު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ރޭ "ސަން" އަށް ވިދާޅުވީ ކޮމިޓީ އިން އެދުނު ގޮތަށް ހަތަރު މުއައްސަސާ އިން ވެސް އިބްތިހާލުގެ މައްސަލައާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެ ދުވަހު ކޮމިޓީ އިން ނިންމާލެއްވީ މައުލޫމާތު ހިއްސާ ކުރުމަށް މުއައްސަސާތަކަށް އަންގާ ގޮތަކަށް ނޫންތޯ. އެހެންވީމާ އަޅުގަނޑުމެން އެދުނު ގޮތަށް އެ މުއައައްސަސާތަކުން ވަނީ މިހާރު މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައި،" ރިޔާޒު ވިދާޅުވި އެވެ.

މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީ އިން ފާސްކޮށްފައި ވަނީ އިބްތިހާލުގެ މަރުގެ މައްސަލާގައި ރަކީދޫ ކައުންސިލާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ފުލުހުންގެ މުއައްސަސާ އިން އިބްތިހާލްގެ މަރުގެ މައްސަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށެވެ. އަދި މައުލޫމާތު ހޯދުމަށް ފަހު، އެކަމާ ގުޅިގެން ހާޒިރު ކުރަން ޖެހޭ ފަރާތެއްވާ ނަމަ އެ މުއައްސަސާއެއް ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ވަނީ ނިންމަފަ އެވެ.

އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އިބްތިލާހަކީ އާފިޔާގެ ތިން ދަރީންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. އިބްތިލާހު މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ.