05 Feb 2015, 10:40
މިހާތަނަށް ދަރިވަރުންނަށް ލިބިފައި ނުވާ ފޮތްތަކުގެ ތެރެއިން ގްރޭޑް 1،2،3ގެ އިސްލާމާއި ދިވެހީގެ އިތުރުން ގުރުއާންގެ ފޮތްތައް ޗާޕްކުރުމަށް ނޮވެލްޓީ އާއި ހަވާލުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް މިއަދު ސަން އަށް ވިދާޅުވީ އެ ތިން ގްރޭޑްގެ ތިން މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި ޓީޗަރުންގެ ފޮތްތައް ޗާޕްކުރަން ނޮވެލްޓީއާ މިއަދު ހަވާލުކުރެވޭނެ ކަމަށެވެ.
"އެބޭފުޅުން މާލޭގައި ޕްރިންޓް ކުރަނީ ވެސް، އެހެންވެ މާލަސްތަކެއްނުވެ ޗާޕިން މަސައްކަތްތައް ނިމޭނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އެކަމަށް ބިޑް ހުށައެޅި ތިން ފަރާތަކުންނެވެ.
އޭނާ ވިދާޅުވީ މި މަހު މެދެއްހާ ހިސާބުގައި އެ ފޮތްތައް ކުދިންނާ ހަވާލުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން ތިނަކަށް، އާ މަންހަޖެއް ތައާރަފްކޮށް، އެ މަންހަޖުގެ ދަށުން ބޭނުން ކުރާ ބައެއް ފޮތްތައް އަދި ވެސް ޕްރިންޓެއް ނުވެ ހުރުމުން ބެލެނިވެރިން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.
ޓެކްސްޓް ފޮތްތަކުގެ މައްސަލާގައި ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ނުނިމި ހުރި ފޮތްތަކުގެ ފުރަތަމަ ދެ ބައި އެ ވުޒާރާގެ ވެބްސައިޓަށް އަޕްލޯޑްކޮށް، ސްކޫލްތައް މެދުވެރިކޮށް އެ ފިލާވަޅުތައް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕްރިންޓް ކުރުމަށްދާ ހަރަދު އެ ވުޒާރާ އިން ސްކޫލްތަކަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗާޕުކޮށްފައިވާ އެހެން ފޮތްތަކުގެ މައްސަލަތަކެއް ވެސް އުޅޭ ކަމަށް ބެލެނެވެރިން ވަނީ ޝަކުވާކޮށްފަ އެވެ. އެ ގޮތުން އެ ފޮތްތަކުގެ ގަނޑުތައް ތުނި ކަމުން، ފޮތްތައް ވަރަށް ދެރަވަރު ކަމަށް ބުނެ، ބެލެނެވެރިން ޝަކުވާ ކުރުން ހިމެނެ އެވެ.