05 Feb 2015, 10:20
ބ. އޭދަފުށީގައި ނުކުޅެދުންތެރިކަން ހުރި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބަނގުލަދޭޝް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ ބަނގުލަދޭޝް މީހަކު ރޭ އޭދަފުށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ އަނިޔާ ލިބުނު އަންހެން މީހާގެ މައްސަލަ ފަޅާއެރި އިރު، އަންހެން މީހާ ބަނޑު ވެސް ބޮޑެވެ.
އޭދަފުށީ ކައުންސިލުން ބުނީ ބަނގުލަދޭޝް މީހާއަކީ އެ ރަށު ފިހާރައެއްގައި މަސައްކަތު މީހަކަށް އުޅޭ މީހެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ އަންހެން މީހާއަކީ ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.
ކައުންސިލުން ބުނީ އެ މައްސަލަ ފަޅާއެރުމާ ގުޅިގެން ރޭގެ ވަގުތެއްގައި ބަނގުލަދޭޝް މީހާ ހައްޔަރުކޮށްފައިވާ އިރު، އޭނާ ވަނީ މިއަދު އެރަށުން ފުރާ ލޯންޗަކުން މާލެ އަންނަން ޓިކެޓު ވެސް ނަގާފައި ކަމަށެވެ.