05 Feb 2015, 10:08
ސަންޢާ (ފެބްރުއަރީ 5) : ޔަމަންގެ ސިޔާސީ މަސްރަޙު މިހާރުވަނީ ވަރަށް ޚުތޫރަތްތެރި ޙާލަތެއްގައި ކަމަށާއި ސިޔާސީ އަރާރުންތަކާއި ކޯޅުންތަކުގެ ސަބަބުން ނާކާމިޔާބު ގައުމަކަށް ޔަމަންވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށް އދ. އިން އެގައުމަށް ކަނޑައަޅާފައިވާ މަންދޫބު ޖަމާލް ބިން އުމަރު ވިދާޅުވެއްޖެ އެވެ.
ވެރިރަށް ސަންއާގައި ދެއްވި ބަޔާނެއްގައި ބެން އުމަރު ވިދާޅުވީ ޔަމަންގެ ވެރިކަމުގެ މުއައްސަސާތަކާއި ރިޔާސީ ގަނޑުވަރު ޙޫޘީ ޖަމާއަތުގެ އަތްދަށަށް ގޮސް ރައީސް ހާދީ މަގާމުން އިސްތިއުފާ ދެއްވުމާ އެކު ވެރިކަމަށް އައި ހުސްކަން ފޫބެއްދުމަށް ޓަކައި އެޖަމާއަތުން ފެށި ސިޔާސީ މަޝްވަރާތަކުގައި އެގައުމުގެ ސިޔާސީ ބޮޑެތި ޕާޓީތަކާއި ޖަމާއަތްތައް ބައިވެރިނުވާ ކަމުގަ އެވެ. މިކަމުގެ ސަބަބުން ޔަމަންގެ އަމަނާބެހޭ ނިޒާމާއި ދައުލަތާއި ވެރިކަމުގެ ނިޒާމް މުޅިން ރޫޅި ހަމައެއް ލަމައެއް ނެތް ނާކާމިޔާބު ގައުމަކަށް ޔަމަންވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށް ބެން އުމަރު ވިދާޅުވި އެވެ.
ބެން އުމަރު ވިދާޅުވި ގޮތުގައި ޔަމަންގައި ހިނގަމުންދަނީ ވެރިކަމުގެ އަރާރުމެކެވެ. މިކަންޙައްލު ކުރެވޭނީ އަރާރުންވާ ކޮންމެ ފަރާތްތަކުން ވެސް އަނެއްފަރާތަށް ދޫދީގެންނެވެ. ނަމަވެސް ދޫދިނުމުގެ ސަބަބުން މިއަރާރުންތަކުގެ ގެއްލުން ލިބެމުންދަނީ ޔަމަންގެ ދައުލަތަށާއި ރައްޔިތުންނަށް ކަމަށްވެސް ބެން އުމަރު ވިދާޅުވި އެވެ. ހޫޘީން ވެރިކަމަށް އަތްގަދަ ކުރިކުރުން ޔަމަންގެ ރައީސާއި ބޮޑުވަޒީރާ އަދި ހޫޘީންނާ އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ ޣައިރުގާނޫނީ އިންގިލާބެއްގެ ގޮތުގަ އެވެ. އަދި ހޫޘީން މިހާރު މަސައްކަތްކުރަނީ އެމީހުންނާ އެކު ވެރިކަމުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށްކަމަށް ބުނެ ހޫޘީން ފެށި ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވުމަށް އެގައުމުގެ ސިޔާސީ ބޮޑެތި ޕާޓީތަކާއި ޖަމާއަތްތައްވަނީ ދެކޮޅު ހަދާފަ އެވެ. އަދި ރައީސް ހާދީވަނީ އިސްތިއުފާ އަނބުރައި ގެންދެވުމަށް ދެކޮޅު ހައްދަވާފަ އެވެ. ނަތީޖާއެއްގެ ގޮތުން ޔަމަނަށްވަނީ ދަސްތޫރީ ހުސްކަމެއް އައިސްފަ އެވެ. ސީދާ ގޮތެއްގައި ވެރިކަމާ ހަވާލުވާކަށް ޙޫޘީން ބޭނުމެއް ނުވެ އެވެ.
އަނެއްކޮޅުން ޔަމަނަށް އެންމެ ގިނައިން މާލީ އެހީދޭ ފަރާތްކަމަށްވާ ގަލްފުގެ އަރަބި ގައުމުތަކުންވަނީ ހޫޘީންނަކީ އީރާނާ ގުޅުންހުރި ޝިޔަޢީން ކަމަށްވާތީ އެޖަމާއަތާ މުޢާމަލާތް ނުކުރުމަށް ނިންމާފަ އެވެ. މިކަމުގެ ސަބަބުން ހޫޘީންނަށް ގޮތްހުސްވެފައިވާ ކަމަށް އެމީހުންނާ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ޔަމަންގެ ބޮޑެތި ބައެއް ރަށްތަކުގައި އިއްޔެވަނީ ހޫޘީންނަށް ތާއީދުކުރާ ރައްޔިތުންނާއި އެމީހުންނާ އދިކޮޅު ފަރާތްތަކުންވެސް މުޒާހަރާތައް ކޮށްފަ އެވެ. (އަލްޖަޒީރާ)