05 Feb 2015, 09:35
އެއްބަޔަކު ފޯރިޔާއެކި ކީހަނީ އެވެ. އަނެއްބަޔަކު މަށަނީ އެވެ. ދެން ތިބި މީހުން މޮޓޯވެހިކަލްތައް ރޫޅައި ރާވަނީ އެވެ. ދެންތިބި ބަޔަކު ކެމިކަލްޖަހައި އެތަކެތި ސާފު ކުރަނީ އެވެ. އަނެއްބަޔަކު ވެހިކަލްތަކަށް ސުޕުރޭ ކުރަނީ އެވެ. ދެން ތިބި ބަޔަކު ވެލްޑިން ކުރަނީ އެވެ. އެކަމެއްގައި އެބަޔަކު ފޯރީގައި ތިއްބާ ތުއްތު ތުއްތު ދަރިފުޅު ގޮވައިގެން ހިންގާ އެތަންތަން ކުރިމަތިން އެހެރަ މީހުން ދަނީއެވެ. އެންމެ ތުއްތު ކުދިން ފެށިގެންގޮސް ދުވަސްވީ މީހުންނާ ހަމައަށް ވެސް ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުހެން އެފަދަ ތަނެއް ހުރަސްނުކޮށް ނުވަތަ އެ"ނުރޮހޮއްޕާން" ނުޖެހި އަނބުރާ ގެއަށް ނުވަދެވޭނެ އެވެ. އެއީ ވެރިކަން ކުރާ މިމާލޭގެ ހާލެވެ.
"އަހަރެމެން ގެއާއި ޖެހިގެން އިންނާނެ ގަރާޖެއް، ދެން މި އަހަރު އެތާ ދޮރުމަތީގަހެން އެއޮށް ހުޅުވީ ޕްރީ ސްކޫލެއް، ވިސްނާ ވާނެގޮތް، އެކުދިންގެ ސިއްހަތާ މެދު ވިސްނާލައްވާ، އަނެއްކޮޅުން މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކުގައި އެތިބެނީ ސުޕުރޭ ބުރުވާލަވާލާ، ފިކުރެއްނެތި ކެމިކަލްތަކާއި ކުޅެލަކުޅެލާ،" ވެރިރަށް މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖު ހިންގާތީ އެކަމުގެ އުނދަގޫފޯރާ މީހަކު ބުންޏެވެ.
މި ދައްކަނީ ވޯކްޝޮޕްތަކާ ގަރާޖުތައްކުގެ ސަބަބުން ވާ އެތައް އުނދަގުލެއްގެ ވާހަކަ އެވެ. އެއީ އެތައް ބަޔެއްގެ ސިއްހަތައް ހުރި ބޮޑު ނުރައްކަލެކެވެ. ހާސް ބަޔެއްގެ ދިރިއުޅުން ދަތިކުރުވާ އަޑުތަކެކެވެ. މާލެ ތެރެ މުޅިން ހުތުރުކުރުވާ ކަމެކެވެ. ހަމައެހެންމެ ފިތިބާރުވެގެން އިމާރާތްތައް ހުންނަ މިމާލޭގައި އެއީ ނުރައްކާތެރި އެތައް ހާދިސާއަކަށް ކޮށައިދެވިފައިވާ މަގެއް ވެސްމެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވި ގޮތުގައި ގަރާޖުތަކާއި ކާޕަންޓުރީ ފަދަ ތަންތަން އާންމުން ދިރިއުޅޭ ސަރަހައްދުގައި ހުރުމަކީ ސިއްހީ ގޮތުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެކެވެ. އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އަރޫނާ ވިދާޅުވި އެވެ.
"ޖެނެރަލްކޮށް މީހުން ދިރިއުޅޭ ހިސާބުގައި ވެހިކަލް ރިޕެއާއި އިންޑަސްޓުރިއަލް މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން" ޑރ. އަރޫނާ ވިދާޅުވި އެވެ.

ސިއްހީ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުން އެފަދަ ތަންތަނުގެ ސަބަބުން އާންމުންގެ ސިއްހަތު އަނދަވަޅަކަށް ވައްޓާލަ އެވެ. ތަފްސީލަކަށް ދިއުމަށް މިސާލަކަށް ބަލާލަމާތޯ އެވެ. ތަފާތު ބާވަތްތަކުގެ ދަވާދާއި ތިނަރުގެ އިތުރުން ވެހިކަލް ފަދަ ތަކެތި ސާފު ކުރުމަށް ބޭނުންކުރާ ސާމާނަކީ ވައިގެ ތެރެއަށް ވޮލެޓައިލް އޯގޭނިކް ކޮމްޕައުންޑް (ވީއޯސީ) ދޫކުރުވާ ތަކެއްޗެކެވެ. އެގޭހުގެ ސަބަބުން އިންސާނުންގެ ސިއްހަތައް އެތައް ގެއްލުމެއް ކުރިމަތިވެ އެވެ. އެގޮތުން ތަފާތު ކެންސަރުތަކަށް މަގުފަހިވުމާއި ކިޑްނީ އާއި ހިތަށް ގެއްލުންވުމުގެ އިތުރުން ނާވާ ސިސްޓަމްއަށް މައްސަލަޖެހޭކަމީ ސިއްހީ ތަޖުރިބާކާރުންގެ ހޯދުންތަކުން އެނގެން ހުރި ހެކިތަކެވެ.
އޭގެ އިތުރުން ލޮލާ ކަރުގެ އިތުރުން ނޭފަތް ހިރުވުމާއި އެކިކަހަލަ އުނދަގޫވުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި ހޮޑުލެވުމުގެ އިތުރުން ނޭވާލުމަށް ދަތިތަކާއި ކުރިމަތިވުމަކީ އެފަދަ ވޯކްޝޮޕްތަކާއި ގަރާޖުތަކުގެ ސަބަބުން އާންމުންގެ ސިއްހަތައް ދިމާވާ މައްސަލަތަކެވެ.
ސިއްހީ މައްސަލަތައް މިހާ ސީރިއަސްކޮށް ހުރިއިރު މީގެ އިތުރުން އިޖުތިމާއީ އެހެނިހެން މައްސަލަތައް ވެސް ހާހުން ގުނެއެވެ. އެތައް ގެއެއް އިންވެގެން ހުންނައިރު ގޭގޭ މެދަށްވާ ގޮތަށް ގިނަ ފަހަރަށް ގަރާޖެއް ނުވަތަ ކޮންމެ ވެސް ވޯކްޝޮޕެއް ހުރެ އެވެ. އިންޑަސްޓުރިއަލް މަސައްކަތްތައެތަންތަނުގައި އަޑުފަށް ގަޑަކީވެސް އެތައް ބަޔެއްގެ ދިރިއުޅުމަށް އޮތް އުނަދަގުލެކެވެ. އެއްތަނަކުން ބާރު އަޑުފަށްގަނޑާ އެކު ތަޅާ އަޑުއިވޭއިރު އަނެއް ތަނަކުން އިވޭނީ ފިލައެއް މަށާއަޑެވެ. މިއީ އެތައް ބަޔެއްގެ ބޯ ހާސްކުރުވާ ހަމަ ނިދި ނުލިބޭ ކަމެކެވެ.
"ތިއީވާ ކަމެއް، ދުވާލެއްގެ މައްޗަށް އެތައް ފަހަރކު ސިއްސައިގެން ދާނެ، ބާރު އަޑާ އެކު ކޮންމެވެސް އެއްޗެއް ވެއްޓޭއިރަށް ނޫނީ އެއްޗެތިތަކެއް ފުރޮޅާލާ އަޑަށް، ކުދިންނަށް ގޭގައި ހަމަޖެހިގެން ކިޔެވޭވަރެއް ނޫން، ތުއްތު ކުއްޖަކަށް ކީކުރަން ބޮޑުމީހަކަށް ވެސް ދުވާލު ގަޑީގަ ނިދަން ވިސްނާނެ ކަމެއްވެސް ނެތް،" ވޯކްޝޮޕްތަކުގެ ސަބަބަބުން ވާގެއްލުންތައް ހިއްސާކުރަމުން ހުސެއިމް ޝަރީފް، 25، ބުންޏެވެ.
އެ ހުރިހާ ދުއްތުރާލަކާ އެކު ދެން ވެސް ދިމާވަނީ ކުޑަކަމެއް ނޫނެވެ. ކޮންމެ މަގެއްގަހެން ގަރާޖަކާއި ވޯކްޝޮޕްތަކެއް ހުންނައިރު އެއީ ތޮއްޖެހިފައިވާ މިމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް އޮތް ދައްޗެކެވެ. އެތަންތަނަށް ވެހިކަލް ވައްދައި ނެރެންދެން ނުވަތަ އެތަންތަނަށް މުދާ ހުސްކުރަންދެއް އެތައް އިރެއްވަންދެން މަގުތައް ބުލޮކްވެ އެވެ. އޭގެ އިތުރުން ގަރާޖުތަކުން ކާރުފަދަ ތަކެތި މަރާމާތު ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި މަގުތައް ބޭނުންކުރާތީ މަގުމަތި އޮންނަނީ "ކަޅު" ހިފާފަ އެވެ. މުޅި އެސަރަހައްދަގެން ކަޅުތޭލުގެ ކޯރުކޯރުން ފުރިފަ އެވެ. އެތެޔޮތައް މަގުން ހިންގާ މީހުންގެ ގައިގަ އުނގުޅޭ ފަހަރު މަދެއް ނޫނެވެ.
މޯރީ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާ ހިތައް ގެންނަވާށެވެ. އެތައް އިމާރާތެއް ފިތިބާރުވެގެން ހުންނަ މިމާލޭގައި އެފަދަ ހާދިސާއެއް ހިގުމަކީ އެތައް ހާސް ބަޔަކަށް އޮތްބިރެކެވެ. މާލޭގައި މިހިންގާ ގިނަ ގަރާޖުތަކަކީ ސޭފްޓީގެ ގޮތުން މާ ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވާ ތަންތަން ކަމުގައި ނުބެލެވެ އެވެ. އަދި އެފަދަ ހާދިސާތަކުން ސަލާމަތްވެވޭނެ އެކަށީގެންވާ ފިޔަވަޅުތަށް އެޅިފައެއް ވެސް ނުހުރެ އެވެ. އެހެންކަމުން އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
މިކަން މިހެން ހުރިއިރު މިއީ ކޮންމެހެން ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ބަދަލުކުރަންޖެހޭ ކަމެކެވެ. ހުސްވާހަކަތަކެއް މުހިންމެއް ނޫނެވެ. ލަހެއް ނެތި އަމަލު ކުރުން މަޖުބޫރެވެ. މީގެ ކުރިން މުޅިން ވެސް އަޑުއިވިގެންގޮސްފައި ވަނީ ފޮނި ވާހަކަތަކެކެވެ. ވީކަމެއް ނެތެވެ. އެކަމުގެ މިސާލަކީ މާލޭގެ ހުރިހާ ވޯކްޝޮޕްތަކާއި ގަރާޖުތައް ތައިސޭ ކޮއްޓަށް ބަދަލުކުރުމަށް ކަމަށް ބުނެ ދެއްކި ވާހަކަތަކުން ކަމެއް ނުވީމަ އެވެ. އެކި މުއްދަތުކިޔާ އެތައް އިއުލާނެއް އެކަމަށް ކުރި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ވީކަމެއްނެތެވެ. ހަގީގަތަކީ ގަރާޖާއި ވޯކް ޝޮޕްތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ގެންދިއުމުގެ ވާހަކައަކީ ދުވަސްވީ ވާހަކައެއް ކަމެވެ.
ކުރީގެ ސިޓީ ކައުންސިލް ވެސް ކުރަން އުޅެ ނުކުރެވިވާކަންތައް މިސަރުކާރުން ކުރުމުގެ ވިސްނުން ގެންގުޅުއްވަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ރީ ޑިވެލޮޕްމަންޓް ޕްލޭން ހެދުމުގެ މަސައްކަތައް ސިންގަޕޫރުގެ ކޮންސަލްޓަންޓެއް ހަމަޖައްސައި އެފަރާތުން ވަނީ މާލޭގެ ރީ ޑިވެލޮޕްމެންޓް ޕްލޭންއެއް ހަދާފައި ކަމަށާއި އެޕްލޭން ރިވިއު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އެޕްލޭންގެ ދަށުން ގަރާޖާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރަން ޖެހެ އެވެ. މާލަސްތަކެއްނުވެ މިއަހަރު ތެރޭގައި އެކަން ކަމަށް އެދެވޭ ނަތީޖާއެއް ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާލޭގައި އެކިއެކި މަސައްކަތްތައް ކުރާނެ ޒޯންތައް މިސާލަކަށް ވެހިކަލް ރިޕެއާ ނުވަތަ ވޯކްޝޮޕްތައް އެކަހަލަ މީހުންނަށް އުނދަގޫވާ ޒާތުގެ މަސައްކަތްތައް ކުރާނެ ސަރަހައްދުތައް މިކަހަލަ ޒޯން ކުރުން ކަހަލަ ކަންތައްތައް ވަރަށް ބޮޑަށް ހުންނާނެ." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ކޮންމެއަކަސް މި އޮތީ މިކަން ކުރަން މަޖުބޫރުވެފަ އެވެ. މާދަން މާދަން ކިޔަން ތިބެވޭކަށް ނެތެވެ. އެތައް ބަޔެއްގެ ފުރާނަޔާއި އުފާވެރި ދިރިއުޅުމަށް އެޅިފައިވާ މި ހިޔަނިން ރައްޔިތުން ސަލާމަތް ކޮށްދޭން ޖެހެ އެވެ. އެކަން ކުރެވެން އޮތީ ވޯކްޝޮޕްތަކާއި ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ގެންގޮސް ވަކި ބިމެއް އެކަމަށް ހާއްސަ ކުރުމުންނެވެ. އަވަހަށް މިކަން ކުރަން ޖެހެ އެވެ.