ސޫރިޔާއަށް ބޮން އަޅަން އުޅުނު އުރުދުންގެ މަތިންދާ ބޯޓު ވައްޓާލުމުން ސަލާމަތްވި ޕައިލެޓް ރަހީނުކުރުމާ ގުޅިގެން އައިއެސްއާ ދެކޮޅަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ވައިގެ ހަމަލާތައް ދިނުން ހުއްޓާލައިފި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ގާޑިއަންގައި ބުނެފައި ވަނީ، އައިއެސްއާ ދެކޮޅަށް ޔޫއޭއީން ވައިގެ މަގުން ހަމަލާތައް ދިނުން ހުއްޓާލީ، ވައްޓާލި މަތިންދާ ބޯޓުގެ ޕައިލެޓް އައިއެސްއިން ރަހީނުކޮށް، އޭނާ ދިރިހުއްޓާ އަންދާލުމާ ހަމައަށް އެ ޕައިލެޓް ސަލާމަތްކުރުމަށް އެއްވެސް ޕްލޭނެއް ހެދިފައި ނުވާތީ ކަމަށެވެ.

ޔޫއޭއީން ވަނީ އިރާގުގައި ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޕެންޓަގަންގައި އެދިފަ އެވެ. އަދި އެކަންތައް ހަރުދަނާ ނުކުރަނީސް އެ ގައުމުގެ ޕައިލެޓުން ހަމަލާތަކުގައި ބައިވެރިނުވާނެ ކަމަށް ނިއުޔޯކް ޓައިމްސްއާ ހަވާލާދީ ގާޑިއަންގައި ބުނެފައިވެ އެވެ.

ޔޫއޭއީ އަކީ އައިއެސްއާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާ އިސްވެ އޮވެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ކޯލިޝަންގައި ބައިވެރިވާ އަރަބި ހަތަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުކެވެ. ޔޫއޭއީއާ އެކު ދެން ބައިވެރިވާ އަރަބި ތިން ގައުމަކީ ސައުދީ އަރަބިއްޔާ އާއި އުރުދުން އަދި ބަހްރެއިނެވެ.

އައިއެސްއާ ދެކޮޅަށް ކުރިއަށްގެންދާ ވައިގެ ހަމަލާތައް ޔޫއޭއީން ހުއްޓާލާފައިވާކަން އިއުލާންކޮށްފައިވާޢިރު، ސޫރިޔާއަށް ބޮން އަޅަން އުޅުނު އުރުދުންގެ މަތިންދާބޯޓެއް ވައްޓައިލުމަށް ފަހު އޭގައި އިން އުރުދުންގެ ޕައިލެޓް ލެފްޓިނެންޓް މުޢާޒު އަލްކަބާބިސާ ވަނީ އިއްޔެގެ ވަގުތެގައި ދިރިހުއްޓައި އައިއެސް އިން އަންދާލާފަ އެވެ.

އަލްކަބާބިސީގެ މަރާއެކު އުރުދުން އިން ވަނީ އެގައުމުގެެ ޖަލުގައި ހައްޔަރުކޮށްފައި އިން އައިއެސްގެ ހަނގުރާމަވެރިޔާ، ސާޖިދާ އަލް ރިޝާވީއާއި އިތުރު ހަނގުރާމަވެރިއަކަށް މަރުގެ ހުކުމް ތަންފީޒުކޮށް ބަދަލު ހިފާފައެވެ. އަދި "ދުނިޔެ ގުޑުވާލާވަރުގެ" ރައްދެއް އައިއެސްއާ ދެކޮޅަށް ދޭނެކަމަށް އުރުދުން އިން ވަނީ ބުނެފައެވެ.