05 Feb 2015, 09:09
އަތޮޅުތެރޭގެ ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތްފަދަ ބޮޑެތި ޕްރޮޖެކްޓްތަކާ އަމިއްލަ ކުންފުނިތަކުން ވެސް ހަވާލުވެގެން ކުރިއަށް ގެންދިިއުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ގޮވާލައްވައިފި އެވެ.
ތުރާކުނުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް ތުރާކުނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ ތަފާތު މަޝްރޫތަކަށް އަމިއްލަ ކުންފުނިތަކުން ކުރިމަތިލާން ޖެހޭ ކަމަށެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ "އަލިފުޅު ތުއްތު ފައުންޑޭޝަން"އިން ތުރާކުނުގެ ފެނާއި ނަރުދަމާގެ މަސައްކަތާ ހަވާލުވުމުން އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ފަރާތަކުން އިސްނަގައިގެން އެފަދަ ޕްރޮޖެކްޓެއް ހިންގުމަކީ "ނަމޫނާއެއް" ކަމަށާއި އެކަން އެހެން ކުންފުނިތަކުން ބަލައިގަންނަން ޖެހޭ ކަމަށެވެ.
ތުރާކުނުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަލިފުޅު ފައުންޑޭޝަނުން ކުރިއަށް ގެންދަނީ ހިލޭ ސާބަހަކަށެވެ،
"މިފަދަ ޕްރޮޖެކްޓްތައް ނަގައިގެން އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާނަމަ އަޅުގަނޑު ދަންނަވާނީ އެއީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެފަރާތުން ދެވޭ ވަރަށް ބޮޑު އެއްބާރުލުމެކޭ. އެހެންވީމަ އަޅުގަނޑު ގޮވާލާނީ މިއަދު މިކަހަލަ ގިނަ ފައުންޑޭޝަންތަކުން، ވިޔަފާރިތަކުން އެބޭފުޅުންގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ރާއްޖެ ތަރައްގީ ކުރުމަށް އެހީވެދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.