ސްރީލަންކާ އަކީ ކުރިން ވެސް އަދި އަބަދުވެސް ދިވެހި ރައްޔިތުންގެ ދެ ވަނަ ގެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ މިނިވަން ކަމަށް 67 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ލަންކާއަކީ ދިވެހިންގެ ދެ ވަނަ ގެއަށްވާއިރު އެގައުމުގެ ރައްޔިތުންވެސް ދިވެހި ރާއްޖެއާ މެދު ދެކެނީ އެފަދައިން ގާތްކޮށްކަމަށެވެ.

"ލަންކާއަކީ ކުރިންވެސް، މިހާރުވެސް އަދި އަބަދުވެސް ދިވެހި ރައްޔިރުންގެ ދެވަނަ ގެ. އެ ގައުމު ވަނީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފަ. ހަމަ އެފަދައިން ލަންކާގެ ރައްޔިތުން ވެސް ދިވެހި ރާއްޖެއާ ދޭތެރޭ ދެކެނީ ވަރަށް ގާތްކޮށް،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރާއްޖެއަކީ އަބަދުވެސް ސްރީލަންކާއަށް ތެދުވެރި އަދި އިތުބާރު ކުރެވޭނެ އެކުވެރިއެއްގެ ގޮތުގައި ދެމިހުންނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ދެ ގައުމުގެ އެކުވެރިކަން ބިނާކޮށްފައި ވަނީ ގައުމުގެ ހާލަތް ދެނެގަނެގެން ގަދަރާއެކު ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ވަރުގަދަ ކުރުމަށް ލަންކާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ރާއްޖެ އާއި ލަންކާގެ ފަތުރުވެރި ކަމަށް އަލިއަޅުވާލައްވަމުން ދުންޔާ ވިދާޅުވީ ރާއްޖެއަކީ ސްރީލަންކާގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ބޮޑު ބައި ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ސްރީލަންކާގެ ސަގާފީ ހަރަކާތްތަކެއް ދައްކާލާފައިވެ އެވެ.