ހުޅުލެއިން މާލެއަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއްގެ ކެޕްޓަނަށް ނޭނގި ކަނޑަށް ވެއްޓުނު މީހަކު ފުލުހުންގެ ލޯންޗަކަށް ނަގައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު، ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ މިރޭ "ސަން"އަށް ވިދާޅުވީ ހުޅުލެއިން މާލެއަށް ދަތުރު ކުރި ދޯންޏަކުން މޫދަށް ވެއްޓުނީ ބިދޭސީއެއް ކަމަށާއި އޭނާ މޫދަށް ވެއްޓުނުއިރު، ދޯނީގެ ކެޕްޓަނަށް އޭނާ ވެއްޓުނު ކަން ނޭނގޭ ކަމަށެވެ. އަދި އެ ބިދޭސީ މީހާއަކީ ބަލި މީހެއް ކަމަށާއި އޭނާ މޫދަށް ވެއްޓެން މެދުވެރިވީ ކަނޑަށް ހޮޑުލާން އުޅެނިކޮށް ކަމަށް ބެލެވޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ދޯނީގެ ކެޕްޓަނަށް އަޅުގަނޑު ގުޅިން. އޭނާ ބުނި އެ މީހާ އުޅެނީ ކުޑަކޮށް ބަލިވެއޭ. ދޯނިން ބޭރަށް ކަހަލަ ގޮތަކަށް ކަނޑަށް ހޮނޑުލާން އުޅެނިކޮށް ވެއްޓުނު ކަމަށްވަނީ. ދޯނި ވަކި ހިސާބަކަށް ދިޔަތަކުން އޭނަ ނެތިގެން ބެލި އިރު އޮތީ ފަތަފަތާ،" ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ބިދޭސީ މީހާ ނެގި ފުލުހުންގެ ލޯންޗަކީ މި ސަރަހައްދު ޕެޓްރޯލް ކުރުމަށް ނުކުމެ އުޅުނު މެރިން ޕޮލިސްގެ ލޯންޗެއް ކަމަށެވެ. މި ދުވަސްކޮޅު ގަނޑުގަދަވުމުން މާލެ ސަރަހައްދުގެ ކަނޑުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.