ރޫޕަޓް މަރުދޯފްގެ ނިއުސް ކޯޕްގައި ސައުދީ ބިލިއަނަރު ޕްރިންސް އަލްވަލީދު ބިން ތޮލާލުގެ ކިންގްޑަމް ހޯލްޑިންގްސް ކޮމްޕެނީގެ ނަމުގައި އޮތް ހިއްސާ މަދުކޮށްފި އެވެ.

ރިޔާޒުގައި ހުންނަ ކިންގްޑަމް ހޯލްޑިންގްސް ކޮމްޕެނީ (ކޭއެޗުސީ) އާ ހަވާލާދީ ފްރާންސް 24 އިން އިއްޔެ ބުނީ ނިއުސް ކޯޕްގައި އަަލް ވަލީދު ކޮންޓްރޯލް ކުރަމުން އައި 13 މިލިއަން ހިއްސާ ނޫނީ އެ ކޮމެޕެނީގެ 6.6 ޕަސެންޓް ހިއްސާ ދެ މިލިއަން ހިއްސާ ނޫނީ އެއް ޕަސެންޓް ހިއްސާ އަށް ކުޑަކޮށްފައިވާ ކަމަށެވެ.

ބަދަލު ކުރި ހިއްސާގެ އަގަކީ 188 މިލިއަން ޑޮލަރެވެ.

އަލް ވަލީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނިއުސް ކޯޕްގައި އޭނާގެ ކޭއެޗުސީ އިން ކޮންޓްރޯލް ކުރަމުން އައި ހިއްސާގެ އަދަދު ދަށް ކުރީ ނިއުސް ކޯޕް ކުންފުނީގެ ޖެނެރަލް ޕޯޓްފޯލިއޯ ރިވައިވް ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް ބުނީ ކޭއެޗުސީ އިން ނިއުސް ކޯޕްގެ މެނޭޖްމަންޓަށް އިތުބާރު ކުރާ ކަމަށެވެ.

އަލްވަލީދު ނިއުސް ކޯޕްގެ ހިއްސާ ދައްކު ކުރި ނަމަވެސް، ރޫޕަޓް މަރުދޯފްގެ ޓުވެންޓީ ފަސްޓް ޗެންޗަރީ ފޮކްސްގައި ކޭއެޗުސީ ކޮންޓްރޯލް ކުރާ ހިއްސާ އަކަށް ބަދަލެއް ނުގެނެ އެވެ. އެމެރިކާގައި އޮޕަރޭޓް ކުރާ ޓުވެންޓީ ފަސްޓް ސެންޗަރީގައި ކޭއެޗުސީ އިން 6.6 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރެ އެވެ.

ރޫޕަޓް މަރުދޯފުގެ ނޫސް ޕޭޕާ ކުންފުނިން، އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގެ ނޫސްތައް ނެރުމުގެ އިތުރަށް ވޯލްޑް ސްޓްރީޓް ޖާނަލް އާއި ނިއުޔޯކް ޕޯސްޓް ނެރުން ހިމެނެވެ. އަދި ހަމަ އެހެންމެ އަލްވަލީދުގެ ކިންގްޑަމް ހޯލްޑިންގްސްގެ ހިއްސާ އޮންނަ ތަންތަނުގެ ތެރޭގައި ޔޯރަޕް ޑިޒުނީ ތީމް ޕާކުން ގޮސް ފޯޒީސަން ހޮޓާތަކާއި ސިޓީ ގްރޫޕް ހިމެނެ އެވެ. ކޭއެޗުސީގެ 95 ޕަސެންޓް ހިއްސާދާރަކީ އަލްވަލީދެވެ.

ބަހްރޭންގައި ހިންގާ އަރަބް ނިއުސް ޗެނަލަކީ ވެސް އަލްވަލީދު ވަކިން ހިންގާ ޗެނެލެކެވެ. އެ ޗެނެލް އިން ބްރޯޑްކާސްޓް ކުރަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ޓެކްނިކަލް އަދި އިދާރީ ސަބަބުތަކާ ހުރެ ވަނީ ބްރޯޑްކާސްޓް ކުރުން ހުއްޓާލައިފަ އެވެ. އެ ޗެނެލުން ވަނީ ބަހުރެއިންގެ އިދިކޮޅު ލީޑަރެއްގެ އިންޓަވިއު ގެނެސްދީފަ އެވެ.