ހއ. ތުރާކުނުގައި ފެނާ ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރަނީ އަލިފުޅު ތުއްުތު ފައުންޑޭޝަނުންނެވެ. އެ ފައުންޑޭޝަނުން އެ މަޝްރޫއު ކުރިއަށް ގެންދަނީ ހިލޭ ސާބަހަށެވެ.

ތުރާކުނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ. އޭގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ބައެއް މަޖިލިސް މެންބަރުންނާއި ތުރާކުނު ކައުންސިލާއި ހއ. އަތޮޅު ކައުންސިލްގެ އިސްވެރިންގެ އިތުރުން މަސައްކަތް ހަވާލުކޮށްފައިިވާ ކުންފުނީގެ އިސް ވެރިން ވެސް އެ ރަސްމިއްޔާތުގައިި ބައިވެރިވި އެވެ.

ތުރާކުނު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ތުރާކުނުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަކީ އެ ރަށުގެ ރައްޔިތުންގެ އިންތިޒާރަށް ނިމުން އަންނާނެ ކަމެއް ކަމަށެވެ.

"މިއަދު ތުރާކުނުގައި ރަސްމީކޮށް ފެށިގެން ކުރިއަށްގެންދާ މި މަސައްކަތަކީ ތުރާކުނުގެ އެންމެހާ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ކޮށްގެން ތިބި އިންތިޒާރެއްގެ ނިމުން. އަޅުގަނޑު ގަބޫލުކުރަނީ މި އަހަރު ނިމުމުގެ ކުރިން ތުރާކުނުގެ އެންމެހާ ރައްޔިތުންނަށް ސާފު ބޯފެނާ ނަރުދަމާގެ ޚިދުމަތް ލިބި، ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލައަށް ހައްލެއް އައްނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފެނާ ނަރުދަމާގެ ޕްރޮޖެކްޓްތަކުގައި އެ ޕްރޮޖެކްޓް ތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ރައްޔިތުން ހިފައި އެފަދަ ތަންތަން މެނޭޖްކޮށް ބެލެހެއްޓުމަށް ރަށްރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ ތަންތަން ރައްކާތެރިކޮށް ދާއިމީ ގޮތެއްގައި ބެލެހެއްޓުމަކީ އަބަދު ސަރުކާރުން ނުވަތަ ކުންފުންޏަކުން ހޭދަކޮށްގެން އެކަނި ކުރެވޭނެ ކަންކަމެއް ނޫން. އެހެންވީމަ ރައްޔިތުން މި ފެން ބޭނުންކުރައްވާ އިރު ވެސް ކޮންމެވެސް ވަރެއްގެ ހަރަދެއް ކުރައްވަން ޖެހޭކަން އަޅުގަނޑު މި ދަނޑިވަޅުގައި ހަނދާންކޮށްދެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އަމަލީ ގޮތުން ފަށާފައިވާ މަސައްކަތް މި އަހަރުތެރޭ ނިންމާނެކަމަށް އެ މަސައްކަތް ކުރުމަށް ހަވާލުވެފައިވާ "އަލިފުޅު ތުއްތު ފައުންޑޭޝަން" އިން ބުންޏެވެ.