ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 718،438 ރުފިޔާއަކީ ޑީއާރްޕީގެ ފަރާތުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކޮށްފި އެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 718،438 އެ ޕާޓީއަށް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ޑީއާރްޕީން އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީއަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، އެ އިންވޮއިސްގައިވާ އަގުގެ ޚިދުމަތްތަކަކީ 2008 އަދި 2009 ވަނަ އަހަރު އެކުންފުނިން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.

އެފައިސާ ނުލިބި ގިނަދުވަސްތަކެއްވެފައިވާތީ އެކުންފުނީގެ ފާރާތުން 2011 ވަނަ އަހަރު ޑީއާރްޕީއަށް ފޮނުވި ސިޓީގައި އެ ފައިސާ ދެއްކުމަށާއި އަދި އިންވޮއިސްތަކުގައި މައްސަލައެއް އޮތްނަމަ އެކަން އެ ކުންފުންޏަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ އެ ފައިސާ ޑީއާރްޕީން މިހާތަނަށް ދައްކާފައިނުވާއިރު، އެއިން އިންވޮއިސްއެއްގައި މައްސަލައެއް ހުރިކަން ފާހަގަކޮށްފައިނުވާ ކަމަށާއި އަދި އެފަދަ ޝަކުވާއެއް ވެސް އެކުންފުންޏަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.