04 Feb 2015, 21:18
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ތެޔޮ ހޯދަން ކުރަމުން ގެންދާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކޮށް ތިމާވެށި ހިމާޔަތްކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމިއްޔާތަކަކުން ސަރުކާރަށް ބަޔާނެއް ފޮނުވައިފި އެވެ.
ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ބައިނަލް އަގްވާމީ މަދަނީ ޖަމިއްޔާތަކެއް އެކުލެވޭ ކޯލިޝަނަކުން ރާއްޖޭގެ ސަރުކާރަށް ފޮނުވި އެ ބަޔާނުގައި ބުނެފައި ވަނީ ތެޔޮ ހޯދުމާއި ތެޔޮ ނެގުމުގެ މަސައްކަތަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމެއްގައި ތިމާވެއްޓަށް ވަރަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
ސްވިޒަލޭންޑުގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ އޯޝަން ކެއާގެ އިސްނެގުމުގެ ދަށުން އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގައި އުފެދޭ ސެއިސްމިކް އެކްޓިވިޓީސްގެ ނުރައްކާތެރި ކަމާއި، އެކަން ކުރުމުގެ ކުރިން އެންވައިރަމަންޓް އިމްޕެކްޓް އެސެސްމަންޓެއް ހެދުމުގެ މުހިންމު ކަމުގެ އިތުރުން އެކަމުގެ ސަބަބުން ކަނޑުގެ ދިރުމަށާއި މުރަކަތަކަށް ކުރާނެ ނޭދެވެ އަސަރުތަކަށް އަލިއަޅުވާލާފައި ވެއެވެ.
ތެޔޮ ހޯދަން ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއަށާއި މަސްވެރިކަމުގެ ދާއިރާއަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ ޖަމިއްޔާތަކުން ނެރުނު ބަޔާން ރަނގަޅަށް މުތާލިއާ ކުރުމަށްފަހު، ތެޔޮ ހޯދަން ކުރާ މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގެ ސަރުކާރުން ނެރޭ އެންވައިރަމަންޓް އިމްޕެކްޓް ޑެކްލެރޭޝަންގައި އެ މައުލޫމާތު ހިމަނައިދިނުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ އެދިފަ އެވެ.
އެ ބަޔާނުގެ އިތުރުން އެ ޖަމިއްޔާތަކުން ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. އަދި ރައީސް ޔާމީންގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބް އާއި ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެންވައިރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމަށް ވެސް އެ ޖަމިއްޔާތަކުން ނެރުނު ބަޔާން ވަނީ ފޮނުވާފައެވެ.
އޯޝަން ކެއަރގެ އިތުރުން އެ ކޯލިޝަންގައި އެމެރިކާގެ އެނިމަލް ވެލްފެއާ އިންސްޓިޓިއުޓް އާއި ޔޫކޭގެ އެންވަރަމަންޓް އިންވެސްޓިގޭޝަން އޭޖެންސީ އާއި ޖަރުމަނުގެ އެމްއީއީއާރް އަދި ނޯވޭގެ އޯޝަން ސައުންޑްސް ފަދަ ބޮޑެތި ބައިނަލްއަގްވާމީ ޖަމިއްޔާތަށް ހިމެނެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީން ވައުދުވެފައި ޥާއިރު، އެކަމުގެ ފެށުމެއްގެ ގޮތުން ރާއްޖޭގައި ދިރާސާތައް ހިންގުމަށް ރާއްޖެ ގެނައި ފުރަތަމަ އުޅަނދަކީ ޖަރުމަނުގެ “ސޮންނޭ” ކިޔާ ބޯޓެކެވެ. އެ ބޯޓު ވަނީ ލ.އަތޮޅާއި ތ.އަތޮޅާ އިރުމަތީ ފަރާތުން 100 މޭލު ބޭރުން ސަރަހައްދެއް ބަލާފައެވެ.
ސަރުކާރުން ތެޔޮ ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ މަދަނީ ޖަމިއްޔާތަކެއް ކަމަށްވާ އީކޯ ކެއަރ މޯލްޑިވްސް އާއި ޖާމަނާ އަދި ބްލޫ ޕީސްގެ އިތުރުން އިތުރު ޖަމިއްޔާތަކަކުން ވަނީ ކެމްޕޭނެއްވެސް ފަށާފައެވެ.