04 Feb 2015, 21:10
ބްރެޒިލްގެ ކޯރެެއްގެ ތެރެއަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކަށް ޕިރާނާތަކެއް (މިނިމަސް ކާ މަސް) ހަމަލާދިނުމުގެ ސަބަބުން މަރުވެއްޖެ އެވެ.
ބްރެޒިލްގެ އުތުރުގައި އޮންނަ މޮންޓި އެލޭގްރީގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެ ކުއްޖާ ފެންގަނޑަށް ވެއްޓިފައި ވަނީ މާމަ އާއި އިތުރު ހަތަރު ކުއްޖަކާއެކު ކެނޯ ދުއްވަމުން ދަނިކޮށް ކެނޯ އަރިއަޅާލުމުންނެވެ. ނަމަވެސް ކެނޯ އަރިއަޅާލުމުން އެކުދިންގެ މާމަ ވަނީ ތިން ކުދިން ސަލާމަތްކޮށްފަ އެވެ.

މިނިމަސް ކާ މަހެއް ކަމަށްވާ ޕިރާނާ-
ބްރެޒިލްގެ ނޫހަކާ ހަވާލާދީ ދަ އިންޑިޕެންޑެންޓުގައި ބުނީ ހަ އަހަރުގެ އެ ކުއްޖާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު، އުނަގަނޑުން ތިރީގެ އެއްވެސް މަހެއް ނެތް ކަމަށެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެކުނު އެމެރިކާގެ ގައުމުތަކުގެ ކޯރުތަކުން އާއްމުކޮށް ފެންނަ ތޫނު ދަތްތަކެއް ލިބިފައިވާ ޕިރާނާ އަކީ އިންސާނުންނަށް ބޮޑު ބިރެކެވެ.
އެގޮތުން 2011 ވަނަ އަހަރު ބްރެޒިލްގެ އިރު އުތުރުގައި އޮންނަ ސްޓޭޓެއްގައި ޕިރާނާތަކެއް ދިން ހަމަލާތަކެއްގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާއިރު، 2013 ވަނަ އަހަރު އާޖެންޓީނާގެ ކޯރަކަށް ފެންވަރަން އެރިތިބި 70 މީހަކު ވަނީ ޒަހަމްކޮށްލާފަ އެވެ.