ޒަހަމުތަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫގައި ފެނުނު މުޙައްމަދު އިބުތިޙާލުގެ މަރުގެ މައްސަލާގައި ހަތަރު މުއައްސަސާއިން ވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މައުލޫމާތު ހިއްސާކޮށްފި އެވެ.

ކޮމިޓީގެ މުގައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭ "ސަން" އަށް ވިދާޅުވީ ކޮމިޓީ އިން އެދުނު ގޮތަށް ހަތަރު މުއައްސަސާއިން ވެސް އިބްތިހާލުގެ މައްސަލައާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެ ދުވަހު ކޮމިޓީ ނިންމާލެއްވީ މައުލޫމާތު ހިއްސާ ކުރުމަށް މުއައްސަސާތަކަށް އަންގާ ގޮތަކަށް ނޫންތޯ. އެހެންވީމަ އަޅުގަނޑުމެން އެދުނު ގޮތަށް އެ މުއައައްސަސާތަކުން ވަނީ މިހާރު މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައި،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މާދަމާ ހެނދުނު 9:00 ގައި ކޮމިޓީގެ އިބްތިހާލުގެ މައްސަލާގައި ބާއްވާ ކޮމިޓީގެ ދެ ވަނަ ބައްދަލުވުން ބާއްވާނެ ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީ އިން ފާސްކޮށްފައި ވަނީ އިބްތިހާލުގެ މަރުގެ މައްސަލާގައި ރަކީދޫ ކައުންސިލާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ފުލުހުންގެ މުއައްސަސާ އިން އިބްތިހާލްގެ މަރުގެ މައްސަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށެވެ. އަދި މައުލޫމާތު ހޯދުމަށް ފަހު، އެކަމާ ގުޅިގެން ހާޒިރު ކުރަން ޖެހޭ ފަރާތެއްވާނަމަ އެ މުއައްސަސާއެއް ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ވަނީ ނިންމަފަ އެވެ.

އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އިބްތިލާހަކީ އާފިޔާގެ ތިން ދަރީންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. އިބްތިލާހު މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ.