04 Feb 2015, 19:39
ގއ. ކުއްޑޫ ކައިރިއަށް ޑައިވިންނަށް ދިޔަ ހަތް ޓޫރިސްޓަކު އޮޔާ ދަނިކޮށް، މަސް ދޯންޏަކުން އެ މީހުން ސަލާމަތްކޮށްފި އެވެ.
ސަފާރީއަކުން ކުއްޑޫ އިރުމަތީ ފަރާތަށް ޑައިވިންއަށް ދިޔަ ޓޫރިސްޓުން އޮޔާދަނިކޮށް ފެނުނީ ކުއްޑޫ އާއި އެ އަތޮޅު ވިލިނގިއްޔާ ދެމެދު ހުޅަނގުން ފަސް މޭލު ބޭރުންނެވެ. އެ ޓޫރިސްޓުންތައް ސަލާމަތް ކުރީ ގއ. މާމެންދޫގައި މަހަށް ދުއްވާ ކޯމަސް ދޯނިންނެވެ.

އޮޔާ ދަނިކޮށް ސަލާމަތަށް އެދި ހަނާއެޅި ޓޫރިސްޓަކު ދޯންޏަށް އަރުވާފައި: އެ މީހުން ސަލާމަތް ކުރީ ގއ. މާމެންދޫ ކޯމަސް ދޯނިން-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ކޯމަސް ދޯނީގެ ފަޅުވެރި "ސަން"އަށް ބުނީ އެ ދޯނި ދަތުރުކޮށްފައި ދަނިކޮށް ފެންމަތީގައި ތިބި ބަޔަކު ހަނާ އަޅާތީ އެ ސަރައްހަދަށް ކައިރި ކުރި ކަމަށެވެ. އެ ސަރަހައްދަށް ކައިރި ކުރުމުން އެއީ ސަފާރީއަކުން ޑައިވިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ބައެއްކަން އެނގުނު ކަމަށް ކޯމަސް ދޯނީގެ ފަޅުވެރިޔާ ބުންޏެވެ.
"ބެލޫންތަކެއް ފެން މަތީގައި ހުއްޓާ ފެނުނު. އަދި އެތަނުގައި ތިބި ބަޔަކު ހަނާއަޅަން ފެށުމުން އަޅުގަނޑުމެން ކައިރިކުރި. ކައިރި ކުރިއިރު، ތިން މީހުން ތިބި. އެ މީހުން ބުނީ އެ މީހުންނާއެކު ޑައިވިންނަށް ދިޔަ އެހެން ބަޔަކު ތަންކޮޅެއް ދުރަށް އޮޔާ ދިޔަ ކަމަށް. އެ މީހުން ހޯދަމުން ގޮސް ބެލިއިރު، އެ މީހުން ވެސް ތިބީ ކުއްޑޫއާ ހަތް މޭލު ބޭރުގައި،" ކޯމަސް ދޯނީގެ ފަޅުވެރިޔަކު ބުންޏެވެ.

އޮޔާ ދަނިކޮށް ސަލާމަތްވި މީހުން އަރުވައިގެން ސަފާރީއަށް ގެންދަނީ-- ސަން ފޮޓޯ/ ކިޔުންތެރިއެއް