ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 8،800 އަށް ވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ރާއްޖޭން ފުރުވާލާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 8815 މީހުން ފުރުވާލައިފައިވާއިރު، އެކި ޖިނާއީ ކުށްތަކާއި ގުޅިގެން 282 ބިދޭސީއަކު ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު އަމިއްލަ ހަރަދުގައި އެވްރެޖްކޮށް ހަފްތާއަކު 45 ބިދޭސީއަކު ރާއްޖޭން ފުރައިގެން ގޮސްގައިވާއިރު، މިދިޔަ ޖެނުވަރީ މަހު އަމިއްލަ ހަރަދުގައި 247 ބިދޭސީއަކު ރާއްޖޭން ފުރައިގެން ގޮސްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 11 ބިދޭސީންނެވެ.

އިމިގްރޭޝަނުން ބުނީ، އެކި ސަބަބުތަކާ ގުޅިގެން ސައްހަ ލިޔެކިއުމެއްނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީން އެމީހުންގެ އަމިއްލަ ހަރަދުގައި ފުރައިގެން ދިއުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ ދުވަހު އިތުރުކުރާނެ ކަމަށެވެ.

އެގޮތުން ކުރިން ހަމަޖައްސާފައިވާ ބުރާސްފަތި ދުވަހުގެ އިތުރުން އަންގާރަ ދުވަހު އަމިއްލަ ހަރަދުގައި ފުރައިގެންދާން ބޭނުންވާ ބިދޭސީން ރަޖިސްޓްރީވުމަށް ހުޅުވާލާނެ އެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި އެގޮތަށް އުޅޭ ބިދޭސީން މަދުކުރުމަށް ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން އަންނަނީ ތަފާތު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އަދި އެހެން ހިންގާ ގިނަ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފަ އެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖެއަށް ބިދޭސީއަކު އައުމުގެ ކުރިން ބިދޭސީމީހާ ނިސްބަތްވާ ގައުމުތަކުގައި ގާއިމްކުރެވިފައިވާ ނިޒާމުގެ ތެރެއިން ރާއްޖެ އަންނަކަން ކަށަވަރުކޮށް މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއް މިއަހަރުގެ ތެރޭގައި ގާއިމް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، އޮޅުވާލައިގެން ރާއްޖެއަށް ޓުއަރިސްޓުންގެ ގޮތުގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން މަދުކުރުމަށްޓަކައި، ބިދޭސީން އަންނަ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އޮޅުވާލައިގެން ވަޒީފާއަށް ރާއްޖެ ނާދެވޭނެ ގޮތްތައް ހެދުމަށް މިއަހަރުގެ ތެރޭގައި ސަމާލު ކަމެއް ދޭނެ ކަމަށް ބުނެއެވެ.