ނ. މިލަދޫ އަންހެނަކަށް އެ ރަށު ފަޅުތެރެއިން ކިނބުލެއް ފެނުމުން، ރައްޔިތުން ރައްކާތެރިވުމަށް މިލަދޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

މިލަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަރީފު އަބޫބަކުރު ވިދާޅުވީ އެ ރަށު ުދެކުނު ފަރާތު ޖެޓީ ސަރަހައްދުން ކިނބުލެއް ފެނުނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި ކިނބޫ ފެނުމާއެކު އެ އަންހެން މީހާ ހަޅޭއްލަވައިގެން ކަމަށާއި މީހުން އެތަނަށް ދިޔައިރު ކިނބޫ ފެންނަން ނެތް ކަމަށެވެ.

"ފެންމައްޗަށް ބޯ ހިއްލައިގެން ބަލަހައްޓައިގެން އޮއްވާ ފެނުނީ. އޭތި ފެނުމުން އެ އަންހެން ކުއްޖާ ހަޅޭލަވައިގަތުމުން، މީހުން އެތަނަށް ގޮސް ބެލިއިރު ފެންނާކަށް ނެތް،" އަރީފު ވިދާޅުވި އެވެ.

ކިނބޫ ހޯދުމަށް އެ ރަށު ރައްޔިތުން ރަށް ވަށައި ބަލަމުންދާ ކަމަށާއި ކިނބޫ އެ ރަށަށް އަރާފާނެތީ ގްރޫޕް ހަދައިގެން ރަށުގެ އެކި ދިމާލުގައި ރައްޔިތުން ފާރަޔަތް ތިބި ކަމަށް އަރީފު ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމުން ކިނބޫ ފެނިފައި ނުވާތީ ރަށުގެ ރައްޔިތުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް އަރީފު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިލަދޫ ކައިރިން ކިނބުލެއް ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެކަލަ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

މިލަދޫ ކައިރިން މިއަދު ކިނބުލެއް ފެނުނުއިރު، 2013 ވަނަ އަހަރުގެ އެޕްރީލް މަހު ތެރޭގައި އެ ރަށުން ވަނ ފަސްީ ފޫޓްގެ ކިނބުލެއް ހިފާފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރަކަށް އައިސް ކިނބޫ ފެންނަމުންދާ ކަމަށް ރިޕޯޓް ކުރަމުންދާއިރު، މިދިޔަ ހަފްތާގައި ލ. އިސްދޫ ފަޅުތެރެއިން ވަނީ 10 ފޫޓްގެ ކިނބުލެއް ހިފާފަ އެވެ. އަދި ހއ. ހޯރަފުށީ ކައިރިންނާއި ފިއްލަދޫ ކައިރިން ކިނބުލެއް ފެނިގެން ސިފައިންނަށް ދަނީ އޭތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.