04 Feb 2015, 16:53
ސްރީލަންކާގައި މިއަދު ފާހަގަ ކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި 557 ގައިދީއަކު މިނިވަންކޮށްފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޕްރިޒަންސް، ޗަންދުރަރަތުނަ ޕަލެގަމާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ ގެޒެޓުން މިއަދު ބުނީ ޖަލުން މިނިވަން ކުރި 557 މީހުންގެ ތެރެއިން 17 މީހުންނަކީ އަންހެނުން ކަމަށެވެ. އަދި މިއަދު މިނިވަން ކުރީ ކުދި ކުށްތަކުގައި ޖަލަށްލާފައިވާ މީހުން ކަމަށެވެ.
ޕަލެގަމާ ވިދާޅުވީ ގައިދީން މިނިވަން ކުރީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އެންގެވުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ މީހުންގެ ތެރެއިން ޖޫރިމަނާ ނުދެއްކިގެން ޖަލުގައި ތިބި މީހުންނަށް ޖޫރިމަނާ ވެސް މައާފުކޮށްދީފައިވާ ކަމަށާއި އެ މީހުން އިތުރަށް ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.
ޕަލެގަމާ ވިދާޅުވީ ޖަލުގައި ތިބި 75 އަހަރު ފުރިފައިވާ، ކުދި ކުށްތައް ކޮށްފައިވާ މީހުން ވެސް މިނިވަން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ބޮޑެތި ކުށްތައްކޮށްގެން ޖަލަށްލާފައިވާ އެއްވެސް މީހަކު މިނިވަން ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގައި ތިބި ކުށްވެރިންގެ އާއިލާ މީހުންނަށް އެ މީހުންނާ އެކު 20 މިނިޓް ހޭދަކުރުމުގެ ފުރުސަތު މިއަދު ދިން ކަމަށާއި އަދި އެ ކުށްވެރިންނަށް ކާބޯތަކެތި ވެސް ފޯރުކޮށްދިނުމުގެ ފުރުސަތު ދިން ކަމަށެވެ.