އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަނުން ކުރިއަށް ގެންދާ ކޯޗިން އިންސްޓްރަކްޓަރު ކޯހުގައި ބައިވެރިވުމަށް ރާއްޖެއަށް އެއް ޖާގަ ލިބިފައި ވުމާއެކު، އެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ކޯހަށް އެޕްލައި ކުރުމަށް އެފްއޭއެމުން ހުޅުވާލައިފި އެވެ.

އެފްއޭއެމުން ބުނީ އެ ކޯހަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ މިމަހުގެ ނުވަވަނަ ދުވަހުގެ 14:00 އެވެ.

އޭއެފްސީން ހުޅުވާލި ކޯޗިން އިންސްޓްރަކަޓަރު ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކީ އޭއެފްސީ ލެވަލް "އޭ" ކޯޗިންގް ލައިސެންސް ހާސިލްކޮށްފައިވާ ފާރާތަކަށް ވުމެވެ. އަދި އޭގެ އިތުރުން ކޯހަށް އެޕްލައިކުރާ ފަރާތަކީ އިނގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތް ކުރަން ދަންނަ، ކޮމްޕިއުޓަރަށް އަހުލުވެރި ވެފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

އެ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު އެފްއޭއެމުން އާންމުކޮށް ހުޅުވާލާފައި ވާއިރު، އެ އެސޯސިއޭޝަނުން ކޯހަށް ހޮވޭ ފަރާތަށް ކަނޑައަޅާފައިވާ ޝަރުތަކީ ކޯސް ފުރިހަމަ ކުރުމަށްފަހު އެއްވެސް އަގަކާ ނުލައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެފްއޭއެމުން ރާއްޖޭގައި ހިންގާ ކޯޗިން ކޯސްތަކުގައި ކިޔަވައިދިނުމެވެ.

އޭއެފްސީ ކޯޗިން އިންސްޓްރަކަޓަރު ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 26 އޭޕްރިލް އިން ފެށިގެން 3 މެއިއަށް ފިލިޕީންސްގެ ވެރިރަށް މެނީލާގައެވެ.