04 Feb 2015, 16:24
ރާއްޖެ މިހާ އަމާންކޮށް އޮއްވައި ސިޔާސީ އެއްވުންތައް ބާއްވަން ފެށުމުން ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ، އެ އެއްވުންތައް ހުއްޓުވުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު މިއަދު ސަން އަށް ވިދާޅުވީ އިގްތިސާދާއި ވިޔަފާރިތައް ކުރިއަރަމުންދާ ދުވަސްވަރެއްގައި މަގުތައް ބަންދުކޮށް އެފަދަ ސިޔާސީ ހަލަބޮލިކަމެއް ރާއްޖެ އަށް ގެނައުމުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން ގޮވާލަން އިގްތިސާދަށް ގެއްލުންވާތީ އެފަދަ ކަންކަން ހުއްޓާލުމަށް. އަދި ސަރުކާރަށް ގޮވާލަން އެކަން ހުއްޓުވުމަށް" އާސިފް ވިދާޅުވި އެވެ.
އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ "ގާނޫނު އަސާސީ ހިމާޔަތުގައި ދިވެހިން"ގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އިން ހިންގާ ސިޔާސީ ހަރަކާތްތަކެވެ. އެޖަމިއްޔާގެ ކަންބޮޑުވުމާ ގުޅިގެން އެ ދެ ޕާޓީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށް ބުނެ އެ ދެ ޕާޓީ އިން ގުޅިގެން ރޭ ވެސް ވަނީ މާލޭގައި ކަންމަތީ ބައްދަލުވުމެއް ބާއްވާފަ އެވެ.