04 Feb 2015, 16:12
ކޮލަންބޯ (ފެބްރުއަރީ 4) : ސްރީލަންކާގެ 67 ވަނަ މިނިވަން ދުވަސް އެގައުމުން މިއަދު ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އެބަގެންދެ އެވެ. މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އެގައުމުގެ އައު ރައީސް މައިތިރިޕަލަ ސިރިސޭނާ އެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ފެށިގެންދިޔައީ އެގައުމުގެ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. ދިދަ ނަންގަވައި ދެއްވީ ރައީސް މައިތިރިޕަލަ ސިރިސޭނާ އެވެ. އެއަށް ފަހު މިނިވަން ކަމަށްޓަކައި ސްރީލަންކާގެ ރައްޔިތުންކުރި ހަނގުރާމައިގާ މަރުވެފައިވާ މީހުންގެ ހަނދާނުގައި ސްކޫތެއް ގެނެސްފައިވެ އެވެ. މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ސްރީލަންކާ އައު ސަރުކާރުން ވަނީ "ސުލްހައިގެ ގަރާރު"ގެ ނަމުގައި ގަރާރެއް ވެސް އިއްލާންކޮށްފަ އެވެ. މި ގަރާރު، ސްރީލަންކާގެ ރަސްމީ ތިންބަސް ކަމަށްވާ ސިންގަޅަ ތަމަޅަ އަދި އިނގިރޭސިބަހުން އިއްވި އެވެ.
މިރަސްމިއްޔާތުގައި ގައުމާ މުޚާތަބު ކުރައްވައި ރައީސް ސިރިސޭނާ ދެއްވި ޚިތާބުގައި ސްރީލަންކާގެ 67 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުން މިދަނީ ހެޔޮވެރިކަމެއްގެ ހިޔަލުގައި ކަމަށް ވިދާޅުވި އެވެ. އަދި ސްރީލަންކާ ރައްޔިތުންގެ މިނިވަންކަމާއި ގައުމުގެ ޑިމޮކްރަސީ ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުގެ ވެރިކަމުގައި ބައިނަލްއަގުވާމީ މުޖްތަމައުގައި ސްރީލަންކާގެ ސޫރަ ހުތުވެފައިވާ ކަމަށް ވިދާޅުވެ އެކަން ރަނގަނޅު ކުރައްވާނެ ކަމަށާއި ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ. މިރަސްމިއްޔާތަށް ފަހު ސިފައިންނާއި ފުލުހުންނާއި މަދަނީ ދިފާއީ ބާރުތަކާ އަދި ޒުވާނުންގެ ޖަމާއަތްތަކުގެ އަސްކަރީ ޕެރޭޑެއްވެސްވަނީ ބާއްވާފަ އެވެ. މީގެ އިތުރުން ޘަގާފީ ކުޅިވަރުތައް ވެސް ކުރިޔަށް ގެންދާގޮތަށް ވަނީ ރާވާފަ އެވެ.
އިނގިރޭސިވިލާތުގެ އިސްތިއްމާރުގެ ދަށުން ސްރީލަންކާ މިނިވަންކަން ލިބުނީ 1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ. (ސްރީލަންކާގެ މީޑިޔާ)