ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އދ. ފެންފުށީ މިސްކިތް ހިމެނުމުގެ ގޮތުން އެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ޑިޕާޓްމަންޓު އޮފް ހެރިޓޭޖުން ފަށައިފި އެވެ.

އެޑިޕާޓުމަންޓުގެ ޕުރޮޖެކްޓް އޮފިސަރު އާސިޔަތު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން މަސައްކަތްކުރާ ފެންފުށީ މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމަށް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހަރަކާތްތެރިވާނެ ކަމަށެވެ.


އެމަޝްރޫއުގެ ދަށުން އެމިސްކިތުގެ ލަކުޑި ބެރިތަކާއި މިސްކިތުގެ ދޮރުތަކުގައި މަދުވާ އިލިތައް ހަރުކުރުމުގެ އިތުރުން މިސްކިތު ގޯތިތެރޭގައިވާ މަހާނަގާތައް މަރާމާތު ކުރުމާއި ވެވު ސާފް ކުރުން ހިމެނެއެވެ.

އާސިޔަތު ވިދާޅުވީ އެމިސްކިތް އާބާތުރަ ފިލުވުމުގެ މަަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ކޮށްފައިވާނެ ކަމަށެވެ.