11 Feb 2011, 00:52
ޖޭއެސްސީ އިން ރާއްޖޭގެ ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށަހެޅުމުން މިހާރު ސުޕްރީމް ކޯޓްގައި ހިނގާ މައްސަލައިގައި ޖޭއެސްސީން ނާއިބު ރައީސް ޑރ. އަފްރާޝީމް އަލީ ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ގޮތް ސާފުވާ، އަދި އެކަމާ މެދު ޝައްކުތައް އުފެދޭ އޯޑި ކްލިޕްތަކެއް ލީކްވެއްޖެ އެވެ.
ޖޭއެސްސީގެ ފަރާތުން ސުޕްރީމް ކޯޓުގައި ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅާފައިނުވާ ކަމަށް އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް ލީކުވި އޯޑިއޯގައި ވާހަކަ ދައްކާފައިވާ ކަމަށް ބެލެވެނީ ޑރ. އަފްރާޝީމާއި ކޮމިޝަނުގެ މެންބަރު އަދި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އާއި މެންބަރު ޝުއައިބު އަބްދުއްރަހްމާނެވެ. މީގެ އިތުރުން ކޮމިޝަނުގެ ބައެއް އެހެން މެންބަރުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށް ބެލެވެ އެވެ.
އެ އޯޑިއޯގައި ޑރ. އަފްރާޝީމް ކަމަށް ބެލެވޭ ބޭފުޅާ ޝުއައިބު ކަމަށް ބެލެވޭ ބޭފުޅާއަށް ގުޅުއްވުމަށްފަހު ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ ޓީމުގައި ނައިބު ރައީސް (ޑރ. އަފްރާޝީމް) ހަމަޖައްސަވަން ފެނޭތޯ އެއްސެވި އެވެ. އަދި ޝުއައިބަށް ގުޅީ ކޮމިޝަނުގެ އަގުލަބިއްޔަތު ވަޑައިގެން ނެތުމުން "އެއްކަލަހެން ގުޅާލައިގެން" ހަމަޖެއްސުމަށް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ޝުއައިބު ކަމަށް ބެލެވޭ ފަރާތުން ނައިބު ރައީސް ކޯޓަށް ދިއުމަށް ހަމަޖެއްސުމަށް މައްސަލައެއް ނެތް ކަމަށް ވިދާޅުވުމުން "އަޅުގަނޑުމެން އެގޮތަށް ނިންމާފައި ސޮއި ކޮށްލުމަށް ފޮނުވާނަން" ކަމަށް ޑރ. އަފްރާޝީމް ކަމަށް ބެލެވޭ ފަރާތުން ބުނެފައިވެ އެވެ.
ޑރ. އަފްރާޝީމް ކަމަށް ބެލެވޭ ފަރާތުން ދެ ވަނަ އޯޑިއޯގައި ގުޅުއްވާފައި ވަނީ "ކޮމިޝަނުގެ އެއްކަލަ ބޮޑު ސިންގާ ފޯނުން" ގުޅުއްވާފައި ވަނީ ފަހުމީ ކަމަށް ބެލެވޭ ބޭފުޅާއާ އެވެ. އަދި އުސްތާޒް ޣަނީ، އުސްތާޒް އަހުމަދު ރަޝީދު، އުސްތާޒް ޑީޑީ" އަޑުއައްސަވަން އިންނެވި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން "އުސްތާޒް އާދަމް މުހައްމަދު" ކުއްލި ގޮތަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން ސުޕްރީމް ކޯޓަށްދާ ޓީމުގައި ނައިބު ރައީސް (ޑރ. އަފްރާޝީމް) ހިމެނުމަށް ފެނިވަޑައިގެންނެވޭތޯ ސުވާލު ކުރެއްވުމުން ފަހުމީ ކަމަށް ބެލެވޭ ފަރާތުން ވެސް ވަނީ މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން ޑރ. އަފްރާޝީމް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައި ވަނީ "އަޅުގަނޑުމެން ބޭނުން ތަނަކަށް ލިޔުން ފޮނުވާލާނަން" ކަމަށެވެ. ފަހުމީ ކަމަށް ބެލެވޭ ބޭފުޅާ މައްސަލައެއް ނެތް ކަމަށް ވިދާޅުވުމުން "މިހާރު އެވީ ހައެއް" ކަމަށް ވެސް ޑރ. އަފްރާޝީމް ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވި އެވެ.
އޯޑިއޯތަކުން ދޭހަވާ ފަދައިން ޖޭއެސްސީން ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގެ މައްސަލައިގައި މަތީ މަރުހަލާގެ ކޯޓުތަކުގައި އެ ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީވުމަށް ޖެނުއަރީ 23، 2011 ގައި ބަޔަކު ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު އެ ފަރާތްތަކުގެ ތެރެއިން އާދަމް މުހައްމަދު އަބްދުﷲގެ ބަދަލުގައި ޑރ. އަފްރާޝީމް ހައެއް ފެބްރުއަރީގެ ބައްދަލުވުމުގައި ހަމަޖެއްސާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ. އެ ލިޔުމުގައި ހަ މެންބަރަކު ސޮއި ކޮށްފައިވެ އެވެ. އެކަމަކު ހައެއް ފެބްރުއަރީ ދުވަހު ކޮމިޝަނުގެ ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓަށް ދާނެ ޓީމެއް ކަނޑައެޅުމަށް ބާއްވަން އުޅުނު ޖަލްސާއަށް ވަޑައިގެންފައި ވަނީ ފަސް މެންބަރުންނެވެ.
އެ ލިޔުމުގައި ހަވާލާދީފައިވާ ޖެނުއަރީ 23 ގެ ނިންމުމުގައި ބުނެފައި ވަނީ ކޮމިޝަނުގެ ފަރާތުން މަތީ މަރުހަލާގެ ކޯޓުތަކުގައި ޖަވާބުދާރީވާނީ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި ހައި ކޯޓުގެ އިސް ފަނޑިޔާރު އަދި ކޮމިޝަނުގެ މެންބަރު އަބްދުލްޣަނީ މުހައްމަދާއި ކޮމިޝަނުގެ މެންބަރު އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދާއި ކޮމިޝަނުގެ މެންބަރު އަހުމަދު ރަޝީދު ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ ކޮމިޝަނުގެ ހަތް މެންބަރުންގެ އިއްތިފާގުންނެވެ.