04 Feb 2015, 15:29
ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ މަންޒިލެއް ކަމުގައިވާ ނަންޖިން އަށް ދަތުރުތަކެއް ފަށައިފި އެވެ.
މޯލްޑިވިއަން އިން އަލަށް ގެނައި ބޯޓު އޭ321 ގެ ފުރަތަމަ ދަތުރުގައި މިއަދު ނަންޖިން އިން ރާއްޖެ އައިސްފައިވާއިރު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާ މިއީ ތިންވަނަ މަންޒިލެވެ.
މޯލްޑިވިއަން އިން ބުނީ މިމަސް ނިމުމުގެ ކުރިން ޗައިނާގެ އައު ފަސް މަންޒިލަކަށް ދަތުރު ކުރަން ފަށާނެ ކަމަށެވެ.
މޯލްޑިވިއަންގެ 200 ޖާގައިގެ އެ ބޯޓު މިއަދު ނަންޖިން އިން އައިސްފައިވަނީ ހުރިހާ ޖާގަތަކެއް ފުރާ 200 ފަސިންޖަރުންނާއެކު އެވެ.
އަލަށް ދަތުރު ކުރަންފެށި މަންޒިލާ މެދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަ ސަފީރު ވަންގް ފުކާންގް ވިދާޅުވީ، މިދިޔަ އަހަރު ޗައިނާއިން އެހެން ގައުމުތަކަށް 109 މިލިއަން ފަތުރުވެރިން ގޮސްފައިވާ ކަމަށާއި އެއިން 360،000 ފަތުރުވެރިން ހިޔާރުކޮށްފައި ވަނީ ރާއްޖެ ކަމަށެވެ. ނަމަވެސް އެ އަދަދަކީ އަދިވެސް މަދު އަދަދެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ޗައިނާއިން އެހެން ގައުމުތަކަށް 109 ފަތުރުވެރިން ގޮސްފައިވޭ. އޭގެ ތެރެއިން ޗައިނާއިން 360،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރާއްޖެއަށް. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވޭތުވެ ދިޔަ ފަސް އަހަރު އެންމެ ބޮޑު މާކެޓެއް އޮތް ގައުމު. އެކަމަކުވެސް އަޅުގަނޑު ދެކޭގޮތުގައި ތިން ލައްކަ ފަތުރުވެރިންނަކީ ކުޑަ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
އަލަށް ފަށާ ދަތުރުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފުކާންގް ވިދާޅުވި އެވެ.
މޯލްޑިވިއަން ބަލަހައްޓާ އައިލެންޑް އޭވިއޭޝަން ސާވިސް އިން ބުނީ، ޗައިނާއަށް ކުރަން ފަށާ އައު ދަތުރުތަކާއެކު އެގައުމުން ދުވާލަކު 200 މީހުން ރާއްޖެ އަންނާނެކަމަށެވެ. އޭރުން ހަފްތާއެއްތެރޭ 1000 މީހުން އަންނަ އިރު މަހެއްތެރޭ ޗައިނާގެ 4،000 ފަތުރުވެރިން އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުންޏެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން ހާއްސަ ފެއާތަކެއް ބާއްވާނެ ކަމަށާއި މިއަހަރު ނިމޭ ހިސާބުގައި ތިން ސިޓީއެއްގައި ރޯޑްޝޯއެއް ބާއްވާނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަން އިން ބުންޏެވެ.