04 Feb 2015, 15:21
ރާއްޖޭގެ ސްޕޯޓްސް ކައުންސިލުން ނެޓްބޯލް އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަން ހިންގުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަން ކޮށްފި އެވެ.
ސްޕޯޓްސް ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނެޓްބޯލް އެސޯސިއޭޝަނާމެދު އެ ފިޔަވަޅު އަޅަން ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ފަސްވަނަ ބައްދަލުވުމުން ކަމަށެވެ.
އެ ފިޔަވަޅު ނެޓްބޯލް އެސޯސިއޭޝަނާއި މެދު އަޅަން ނިންމީ އެ އެސޯސިއޭޝަނާއި ބެހޭގޮތުން ގިނަ ޝަކުވާތަކެއް ހުށައެޅެމުން ދާތީ ކަމަށް ސްޕޯޓްސް ކައުންސިލުން ބުންޏެވެ. އަދި އެ ކައުންސިލުން ބެލިބެލުމުން، ނެޓްބޯލް އެސޯސިއޭޝަން ހިންގުމުގައި ހިންގާ ކޮމިޓީގެ ބޮޑެތި މައްސަލަތަކެއް ފާހަގަ ވެފައި ވާކަމަށްވެސް ސްޕޯޓްސް ކައުސިލުން ވަނީ ބުނެފައެވެ.
ސްޕޯޓްސް ކައުންސިލުން ނެޓްބޯލް އެސޯސިއޭޝަން ހިންގުމަށް އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަކަށް ހަމަޖައްސާފައި ވަނީ ފަރުހަތު ޖަލީލު އެވެ. އަދި އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާގެ ގޮތުގައި މުއުމިނާ އާދަމް ހަމަޖައްސާފައި ވާއިރު، އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ސްޕޯޓްސް ކައުންސިލުން ހަމަޖެއްސީ ފަތުހުﷲ ވަހީދު އާއި މުޒްހިރާ އިބްރާހިމް އަދި ހުސެއިން ރަޝީދު އެވެ.
ނެޓްބޯލް އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މައިގަނޑު މައްސޫލިޔަތުތަކެއްގެ ގޮތުގައި ސްޕޯޓްސް ކައުންސިލުން ކަނޑައަޅާފައި ވަނީ އެ އެސޯސިއޭޝަނުން މީގެ ކުރިން ހިންގާފައިވާ ފައިސާގެ މުއާމަލާތްތައް އޮޑިޓް ފާމަކާއި ހަވާލުކޮށް، އޮޑިޓް ކުރުމުގެ މަސައްކަތްތައް އެ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔުމެވެ.
އޭގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސްޕޯޓްސް ކައުންސިލުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކޮށްފައި ވާއިރު، އެކަން ކުރުމަށް އެ ކައުންސިލުން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.
ހިންގާ ކޮމިޓީ އުވާލުމުގެ އިތުރުން ސްޕޯޓްސް ކައުންސިލުން ވަނީ ނެޓްބޯލް އެސޯސިއޭޝަނަކީ ކުރިއަށް އޮތް ހަ މަހަށް އެ ކައުންސިލުން ބަލައި ނުގަނެވޭނެ ފަދަ އެސޯސިއޭޝަނެއްގެ ގޮތުގައި ކަނޑައަޅައި، އެ މުއްދަތަށް އެ އެސޯސިއޭޝަން ސަސްޕެންޑު ކޮށްފައެވެ. އަދި އެ ސަސްޕެންޝަން އުވާލަން ވަކި ގޮތެއް އެ ކައުންސިލުން ނިންމާނީ މިނިވަން އިންސާފުވެރި އިންތިހާބަކާ އެކު ހިންގާ ކޮމިޓީއެއް ނެޓްބޯލް އެސޯސިއޭޝަނަށް އައްޔަނު ކުރެވުމުން ކަމަށްވެސް ސްޕޯޓްސް ކައުންސިލުން ވަނީ ބުނެފައެވެ.