04 Feb 2015, 15:01
އާބާދީގައި 30،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގައި ހޭނައްތާ ޑޮކްޓަރަކު ނެތުމުން އޮޕަރޭޝަންތައްކުރުމަށާއި ވިއްސުމަށް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ރޭ 12:30 ކަންހާއިރު ހުޅުމާލޭގައި ދިރިއުޅޭ މާބަނޑު އަންހެނަކު ބަނޑުގައި ރިއްސައިގަތުމުން ހުޅުމާލޭ ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ހޮސްޕިޓަލުން ބުނިކަމަށްވަނީ ވިހަން މާލެ ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ހޮސްޕިޓަލްއިން ބުނީ އެތަނުގައި ނެތޯ ހޭނައްތާ ޑޮކްޓަރެއް އެހެންވެ ހޮސްޕިޓަލްއިން އިލްތިމާސް ކުރަމޯ ވިހަން ވެއްޖެއްޔާ މާލެދިއުމަށް" ބަނޑުގައި ރިއްސާތީ ރޭ ދަންވަރު ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ އަންހެނަކު ބުންޏެވެ.
އެކަމާއި ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ސަން އަށް ވިދާޅުވީ، އެހޮސްޕިޓަލްގައި ހުންނަނީ ހޭލައްތާ އެންމެ ޑޮކްޓަރެއްކަމަށާއި އެޑޮކްޓަރު ޗުއްޓީއަށް ގޮސްފައިވުމުން ސާޖަރީތައް ހެދުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
"ވިހަން ބަޔަކު އަންނަ އިރަށް ފޮނުވައެއް ނުލާނެ. އެކަމަކު މީގަ ސިޒޭރިއަންނެއް ހަދަން، އޮޕަރޭޝަން އަކާއި ހަމައަށް ދާން ޖެހިއްޖެނަމަ މިވަގުތު ބުނެފާނެ. ފޮނުވާލުމެއް ނޫން،" ޝާކިރު ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ނެތް ހާލަތްތަކުގައި ކުއްލިއަކަށް ކުރަންޖެހޭ އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ޑޮކްޓަރުން ގެންނަ ކަމަށާއި މިހާރުވެސް އެގޮތަށް އަމަލުކުރަމުންދާ ކަމަށް ޝާކިރު ވިދާޅުވިއެވެ. އެގޮތުން މާދަމާއަށްވެސް ބައެއް އޮޕަރޭޝަންތައް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ހޭނައްތާ ޑޮކްޓަރު އަހަރީ ޗުއްޓީއަށްފަހު އަންނަ ހޮނިހިރު ދުވަހު ވަޒީފާއަށް ނުކުންނަވާނެ ކަމަށާއި އޭރުން އެދަތިކަން ހައްލުވާނެ ކަމަށްވެސް ޝާކިރު ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ، އެހޮސްޕިޓަލަށް ޑޮކްޓަރުންގެ ދަތިތަކާއި ތަކެތީގެ ދަތިތައް ހައްލު ކުރަން މިހާރު ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.