ނ. ލަންދޫ ގެއެއްގެ ސާފުތާހިރުކަން ކުޑަވެގެން ޖެންޑާ މިނިސްޓްރީ އާއި ލަންދޫ ކައުންސިލުން އެމައްސަލަ ބަލަން ފަށައިފި އެވެ.

ލަންދޫ ކައުންސިލުން ބުނީ އެރަށު ފެންފިނިމާގޭގައި އުމުރުން 18 ނުވާ ފަސް ކުދިން ދިރިއުޅެމުން އަންނައިރު އެގޭގެ ސާފުތާހިރުކަން ކުޑަވެގެން މީގެ ކުރިން ޕޮލިހާއި ސިއްހީ މަރުކަޒާއި ކައުންސިލް ގުޅިގެން ވެސް އެގެ ސާފުކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެގެ ސާފުތާހިރުކޮށް ނުބަހަލަހައްޓާތީ އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނައީ ކަމަށް ކައުންސިލުން ބުނެ އެވެ.

ލަންދޫ ކައުންސިލުން ބުނީ އެގޭގައި ފަސް ކުދިންނާއެކު ދިރިއުޅޭ ދެމީހުންނަކީ ކައިވެނި ވެސް ނުކޮށް އުޅޭ ދެމީހުން ކަމަށެވެ. އެ ދެމީހުންނަކީ ވެސް ލަންދޫއަށް ނިސްބަތްވާ ދެމީހުން ނެވެ.

އެދެމީހުން މީގެ ކުރިން ކައިވެނިކޮށްގެން ތިން ކުދިން ލިބިފައިވާއިރު، ކުޑައަށް ތިބި ދެކުދިންނަކީ ކައިވެނިން ބޭރުން ލިބިފައި ތިބި ދެކުދިން ކަމަށް ކައުންސިލުން ބުނެ އެވެ. އެންމެ ކުޑަކުއްޖާއަށް ވެސް މިހާރު ވަނީ ހަތަރު މަސް ވަރު ކަމަށް ލަންދޫ ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ ކައިވެނިނުކޮށް ތިބެ، ދެމީހުން އެއްގެއެއްގައި ދިރިނޫޅޭން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ނަމަވެސް އަންހެން މީހާ ބުނެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާގެ ގޭގައި ދިރިއުޅެމުންދަނީ ވަންނާނެ އިތުރު ގެއެއް ނެތުމުން ކަމަށެވެ.

ލަންދޫ ކައުންސިލުން ބުނީ އެކަން މިހާރު ޖެންޑަ މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ގޭތެރޭގެ ފޮޓޯތައް ވެސް ޖެންޑާއަށް ފޮނުވާފައިވާނެ ކަމަށެވެ.