މިއަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން، ފީފާއިން މިހާރު ގެންގުޅޭ "ބިރު ދެއްކުމުގެ ސަގާފަތް" ނައްތާލުމަށް ވައުދުވެވަޑައިގެންފި އެވެ.

ޕްރިންސް އަލީ ވަނީ ކަނޑައެޅިފައިވާ އުސޫލު ތަކުގެ މަތިން މީގެ ކުރިން ފީފާއާ ދެކޮޅަށް ބަޔަކު ތެދުވުމުން އެކަން ނިމިގެން ދަނީ އެ ބަޔަކަށް "އަދަބު" ލިބިގެން ކަމަށް ވިދާޅުވެފައެވެ.

" ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްވެސް މީގެ ކުރިން ފީފާއާ ދެކޮޅަށް ތެދުވެފައި ވޭ. ނަމަވެސް އެކަން ނިމިގެން ދަނީ އެ މީހުނަށް ލިބޭ އަދަބެއްގެ ގޮތުގައި. އަހަރެންގެ އުންމީދަކީ ކުރިއަށް އޮތްތާ އެކަން އެގޮތަށް ނުވުން. އަދި އަހަރެން އުންމީދު ކުރަނީ އަދުލު އިންސާފާއި ހަމަހަމަކަން މަތީ މީގެ ފަހުން އެފަދަ ކަންކަން ނިމިގެން ދާނެ ކަމަށް،" ޕްރިންސް އަލީ ވިދާޅުވި އެވެ.

ކުރިއަށް އޮތް 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑު އުސޫލުން ރަޝިއާ އާއި ގަތަރަށް ދިނުމުގައި ފީފާގެ އިސް ފަރާތްތަކަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ވޭތުވެދިޔަ އަހަރުތެރޭ އަމާޒު ވެފައެވެ. އަދި އެކަން ތަހުގީގު ކުރުމަށް ފީފާއިން އުފެއްދި އެތިކްސް ކޮމިޓީގެ ރައީސް މައިކަލް ގާސިއާ އެކަމާ ގުޅޭ ގޮތުން ރިޕޯޓެއް ނެރުނުއިރު، އެ ރިޕޯޓާ މެދު ފީފާއިން ކަންތައް ކުރި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ގާސިއާ ވަނީ މިދިޔަ އަހަރު ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިހާރު ފީފާގެ ނައިބުރައީސްގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ޕްރިންސް އަލީ ވިދާޅުވީ، ފީފާގެ އިސްފަރާތްތަކުގެ ބޮލުގައި އެޅިގެން ދިޔަ ކޮރަޕްޝަންގެ ތުހުމަތުތަކަށް އެ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭ ކަމަށެވެ. އަދި ފީފާގެ އަގު ވެއްޓުނަ ނުދީ ހިފެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ޕްރިންސް އަލީ ވަނީ ވިދާޅުވެފައެވެ.

"ފީފާގެ އަގު ވެއްޓުނަ ނުދީ ހިފައްޓަން މިހާރު ގިނަ މަސައްކަތް ކުރަން ޖެހިފައި ވާކަން އެއީ އެންމެންވެސް ގަބޫލު ކުރާ ހަގީގަތެއް. ފީފާގެ ކަންކަން ރަނގަޅު ކުރުމަށް އެންމެން ތިރިން ފެށިގެން އެންމެ މައްޗަށް މަސައްކަތްކުރަން ޖެހޭ. އަދި ފީފާގައި ހުންނަން ޖެހޭނީ ކުޅިވަރަށް ހިދުމަތްކުރާ ރައީސެއް. ފީފާގެ ރައީސްގެ މަގާމުގައި ހުރިނަމަ އެކަންކަމުގެ ޒިންމާ އަހަރެން ނަގާނަން. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާ އެކަން ވެގެން ދާނީ އެހެން،" ޕްރިންސް އަލީ ވިދާޅުވިއެވެ.

އޭގެ އިތުރުން ޕްރިންސް އަލީ ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް މިހާރުގެ ރައީސް ސެޕް ބްލެޓާ ފީފާގެ ރައީސްކަމަށް އިންތިހާބު ވެއްޖެ ނަމަ، އޭނާ ފީފާގެ މަގާމުން އިސްތިއުފާ ދޭނެ ކަމަށް ވިދާޅުވެފައެވެ.

"މިހާރު ކަންތައްތައް ވެގެން މި ދާގޮތަށް ބަލާއިރު، ބްލެޓާ ހޮވިއްޖެނަމަ ފީފާގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި ކުރިއަށް އޮތްތާ އަހަރެން ހުންނަ ތަނެއް އަހަންނަކަށް ނުފެނޭ،" ޕްރިންސް އަލީ ވިދާޅުވި އެވެ.