ޗައިނާގެ އުތުރުގެ އެއާލައިނެއް ކަމަށްވާ ޝަންހާއީ އެއާލައިނުން، ޝަންހާއީ އާއި ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތަކެއް ކުރަން ފަށައިފި އެވެ.

ޝަންހާއީ އެއާލައިންގެ ފުރަތަމަ ބޯޓު ރާއްޖެއަށް ޖައްސާފައި ވަނީ އިއްޔެ އިރުއޮއްސި ހައެއް ޖެހި އިރު އެވެ. އެއީ ބީ767 މަރުކާގެ 200 މީހުންގެ ޖާގަ ހިމެނޭ ބޯޓެކެވެ.

ޝަންހާއީ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުމަށް ޗާޓާރުކޮށްފައިވާ އެ ބޯޓު، ޗައިނާގެ ފިނިމޫސުން ނިމެންދެން ކޮންމެ ހަފްތާއަކު ތިންދުވަހު ދަތުރުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް ޝަންހާއީ އެއާލައިނުން ޗާޓަޑު ފްލައިޓެއްގައި ރާއްޖެއަށް ސީދާ ދަތުރުތަކެއް ވަނީ ކޮށްފަ އެވެ.