04 Feb 2015, 13:04
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ މުއްސަނދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖެ އަށް ބޮޑުކަންނެލި ލޭނު މަސްވެރިކަން ތައާރަފްކޮށް، ޒުވާން މަސްވެރިންނަށް އެކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދައިދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފަށާ އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ލޭނުއެޅުމުގެ ތަމްރީން ޕްރޮގްރާމުގެ މައުލޫމާތު 'ސަން' ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާޒިފް ވިދާޅުވީީ، އެ ތަމްރީން ޕްރޮގްރާމުގައި ބޭނުންކުރާނީ އެކަމަށް ހާއްސަކޮށް ބޭނުންކުރާ ބޯޓެއްގައި ކަމަށެވެ. އަދި މާކަނޑަށް ނުކުމެ ކުރާ ކަމެއް ކަމުން ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ވެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދަތުރެއްގައި ބައިވެރިވެވޭނީ 10 މަސްވެރިންނަށް. އަދި ކަނޑުމަތީގައި 10 ވަރަކަށް ދުވަސްވާނެ. އަޅުނގަޑުމެން ރާވާފައި ވަނީ ޖުމްލަ ތިން ދަތުރު. ނަމަވެސް ޕްރޮގްރާމަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު ދަތުރުތައް އިތުރުކުރަންޖެހިދާނެ،" ހާފިޒް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި އަމަލީ މަސައްކަތްތަކެއް މައްޗަށް ބަލާލައިގެން ކަމަށެވެ.
ލޭނު މަސްވެރިކަމަކީ މިހާރު ދިވެހި ބައެއް ފަރާތްތަކަކަށް ހުއްދަދީގެން ރާއްޖޭ އިގްތިސާދީ ސަރަހައްދުން ގާތްގަނޑަކަށް 100 މޭލު ބޭރުގައި ކުރަމުން އަންނަ މަސްވެރިކަމަކެވެ. ނަމަވެސް އެ މަސައްކަތަށް ދިވެހިން ނުލިބުމުގެ ޝަކުވާ އޮންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.